ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ހޯދި ނަމަވެސް އެ ޓީމުގެ ކުޅުންތެރިންނަށް މިފަހަރު ބޯނަސް ނުލިބޭނެ ކަމަށް އެކުލަބުން ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެޓީމުން މިގޮތަށް ނިންމާފައިވަނީ މުޅިދުނިޔެއަށް ކުރިމަތި ވެފައިވާ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ މާލީ ގޮންޖެހުންތަކާ ގުޅިގެންނެވެ. ކްލަބަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާ ގުޅިގެން ރެއާލް އިން ވަނީ މީގެ ކުރިން އެ ޓީމުގެ ކުޅުންތެރިންގެ މުސާރަ ދެ ފަހަރެއްގެ މަތިން ދަށްވެސް ކޮށްފަ އެވެ.

ލީގު ހޯދުމާ ދެ ޕޮއިންޓް ގާތަށް ޖެހިފައިވާއިރު އެޓީމުން ވަނީ މިފަހަރު ލީގު ޗެމްޕިއަންކަން ހޯދި ނަމަވެސް އެލަވަންސް ނުލިބޭކަން ކުޅުންތެރިންނަށް ވެސް އަންގައިފައެވެ. ކޮވިޑާ ގުޅިގެން ސީޒަން ތިން މަސް ދުވަހަށް މެދުކަނޑައިލަން ޖެހުމުން ރެއާލް އިން ފެށީ އެ ކުލަބުގެ ސްޓޭޑިއަމް ސެންތިއާގޯ ބޭނެބެއު މަރާމާތު ކުރުމުގެ މަސައްކަތެވެ. އެހެންކަމުން އެމަސައްކަތަށް ވެސް ކްލަބުން ބޮޑު ހަރަދެއް ކުރަން ޖެހުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެއާލް މެޑްރިޑުން ވަނީ އެ ކުލަބުން ލަލީގާ އާއި ޗެމްޕިއަންސް ލީގް 2016-17 ގެ ސީޒަންގައި ހޯދުމުން، ބޯނަސްގެ ގޮތުގައި ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް އެއް މިލިއަން ޔޫރޯ ދީފަ އެވެ. ދުނިޔޭގެ މުއްސަނދި ކުލަބުތަކުގެ ތެރޭގައި ހިމެނޭ ރެއާލުން މިފަހަރު ލީގު ޗެމްޕިއަންކަން ހޯދި ނަމަވެސް ކުޅުންތެރިންނަށް އެއްވެސް ފައިސާގެ އިނާމެއްވެސް ނުދޭން ވަނީ ނިންމައިފައެވެ.

ކޮވިޑް 19 އާ ގުޅިގެން ރެއާލް މެޑްރިޑަށް ކުރިމަތި ވެފައިވާ މާލީ މައްސަލަތަކާ ގުޅިގެން ކުރިޔަށް އޮތް ޓްރާންސްފާ ޕީރިއަޑްގައި އެޓީމުން އަލަށް އެއްވެސް ކުޅުންތެރިޔަކު ގެންދާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް އޭގެ ބަދަލުގައި އެ ކުލަބުގެ މަޝްހޫރު ބައެއް ކުޅުންތެރިން ބޮޑު އަގުގައި ވިއްކައިލާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އޭގެ ތެރޭގައި ގެރެތު ބޭލް، ހަމޭސް ރޮޑްރިގޭޒް، ލޫކަސް ވަޒްކުއޭޒް އަދި ލުކަ ޔޯވިޗް ވިއްކައިލުމުގެ ވާހަކަތައް މީޑިއާގައި ދަނީ ދެކެވެމުންނެވެ.