ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ އެކުގައި ދައުލަތުން އެއްވެސް އިއުތިރާފު އެއްބަސްވުމެއް ނުހަދައި ވެސް 150 ދައުވާ ކުރެވޭ ވަރަށް ލިޔުން އެބަހުރި ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވުމާ ގުޅިގެން ކްރިމިނަލް ކޯޓްގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ސުވާލުތަކެއް އުފައްދަވައިފިއެވެ.
ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އަދީބުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބާތިލުކުރުމުން އަދީބު ވަނީ މިނިވަންވެފައެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމު ވިދާޅުވީ، އަދީބާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން ސައްހަ ނޫން ކަމަށް ކަނޑައެޅި ނަމަވެސް ގާނޫނުގައި ބުނާގޮތަށް ޝަރީއަތް ކުރިއަށް ގެންދަން ފުރުސަތު ދޭންޖެހޭ ކަމަށާއި މައްސަލަ ސާބިތު ކުރެވޭ ވަރަށް ދައުލަތުގެ އަތުގައި ކިތާބީ ހެކި އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެން އަތުގައި އަހުމަދު އަދީބާ ބެހޭގޮތުން 150 އެއްހާ ދައުވާ ކުރެވޭ ވަރަށް ލިޔުން އެބަހުރި. ދެން އެ ހުރިހާ މައްސަލަތަކެއްގެ ހުކުމަށް އަޅުގަނޑަށް ލިބޭ މައުލޫމާތަކީ ގާތްގަނޑަކަށް 806 އަހަރުގެ ހުކުމެއްގެ ވާހަކަ މިދައްކަނީ. އަޅުގަނޑުމެން އެގޮތަށް ކުރިއަށްދާން މިތިބީ،" ޝަމީމު ވިދާޅުވިއެވެ.
ޝަމީމް އެގޮތަށް ވިދާޅުވުމާ ގުޅިގެން ހައިލަމް ވަނީ އެއްބަސްވުމަކާ ނުލައި 150 ދައުވާކޮށް 800 އަހަރަށް ޖަލަށް ލެވެން އޮތްއިރު އެއްބަސްވުމެއް ހެދީ ދައުލަތަށް ކޮން މަސްލަހަތެއް އޮވެގެންތޯ ސުވާލު އުފައްދަވައިފައެވެ. އަދި ދައުލަތުން އެތައް ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވިކަން ސާބިތު ކުރެވޭނޭ ކިތާބީ ހެކި ލިބިފައިވާ އިރު، 150 ދައުވާގެ ބަދަލުގައި ހަތް ދައުވާއަށް ކުރީ ކީއްވެގެންތޯވެސް ހައިލަމް ވަނީ ސުވާލު އުފައްދަވައިފައެވެ.
މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު، އަދީބުގެ ދައުވާތައް ބާތިލުކޮށްފައިވަނީ އެ ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުގައި ހުށަހަޅާފައި ނުވާ ދައުވާތަކަކަށްވުމާއި މައްސަލައިގައި ގޯސްކޮށް އަދީބާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވާތީއެވެ. އަދި އޭރުގެ ޕީޖީ އައިޝަތު ބިޝާމް މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ގާނޫނީ އިމުން ބޭރުން އަމަލުކުރައްވައި އަދީބަށް ޓޯޗާކޮށް ނުފޫޒުފޯރުވާފައިވާ ކަމަށް ބުނެއެވެ. ގާޒީ އިސްމާއިލް ރަޝީދު އެ ނިންމުންތައް ނިންމެވީ އިބްތިދާއީ މަރުހަލާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު