ބައްޔަށް ޕޮޒިޓިވްވުމުން ވިލިމާލޭގައި ކޯޑަންކޮށްފައި ބެހެއްޓި ބިދޭސީ މީހާ ބަލައި ދިއުމުގައި ލަސްތަކެއްވި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ވިލިމާލެއިން ކޮވިޑަށް ޕޮޒިޓިވްވި ބިދޭސީއަކު ކޯޑަންކޮށްފައި އެތައް އިރަކު ބެހެއްޓި މައްސަލައެއް އިއްޔެ ފެންމަތިވެ، އެތައް ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށާއި އެޗްޕީއޭއަށް އަމާޒުވެފައެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ ތަފްސީލު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ، ވިލިމާލޭގައި ކޮވިޑަށް ޕޮޒިޓިވްވެ، އެޗްޕީއޭއަށް ފާހަގަނުކުރެވި ހުރި މީހަކު ފެނިގެން ރިޕޯޓު ކުރުމާ ގުޅިގެން އެމީހާ އެވަގުތު ހުރި ތަނުގައި ކޯޑަންކޮށްފައި ބެހެއްޓިފައި ހުރި ކަމަށެވެ.
އެމީހާ ގެންދިއުމަށް އާރުއާރުޓީއަށް އެންގުމުން އާރުއާރުޓީ ޓީމުން އެމީހާ ހުރިތަނަށް ގޮސް އެމީހާ އެތަނުން ނަގައިގެން ފެސިލިޓީއަކަށް ގެންދިއުމުގައި ލަސްތަކެއްވި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"ފުރަތަމަ އާރުއާރުޓީއަށް މިއައީ ރިކުއެސްޓް އޭނާ ބަލާ ދިއުމަށް. ނަމަވެސް އާރުއާރުޓީގެ ދަތުރު ހަމަޖެހުމުގައިވެސް ކުޑަ ޑިލޭއެއްވި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، އެއީ އެއްވެސް މީހެއް އާންމުކޮށް ކޯޑަންކޮށްފައި ބެހެއްޓުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށާއި، އެކަން ހިނގައިދިޔަ ގޮތް ބެލުމަށްފަހު ކުރިއަށް އޮތްތަނުގައި އެކަން ތަކުރާރު ނުވާނެ ގޮތަށް ކަންކަން ހަމަޖައްސާނެ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު