ގްރޭޓާ މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ މާސް އިންސްޕެކްޝަންގައި 1،000 އެއްހާ ތަނުގައި ހުރިހާ ކަންކަމެއް ފުރިހަމަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ތަންތަނުން އަމަލުކުރޭތޯ ބެލުމަށް މާލޭ ސިޓީ ކައުންސިލާއި އެޗްޕީއޭއާއި ކަމާބެހޭ އެހެން އިދާރާތައް ގުޅިގެން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދުގައި ކުރިއަށްގެންދިޔަ މާސް އިންސްޕެކްޝަންގައި ޖުމްލަ 1475 ތަނެއް ބެލިފައިވާ ކަމަށެވެ.
އެތަންތަން ބަލިއިރުގައި، އެއްވަނަ ކެޓަގަރީގައި (ހުރިހާ ކަމެއް ފުރިހަމަކޮށް) ހުރީ ގާތްގަނޑަކަށް 1،000 އެއްހާ ތަނުގައި ކަމަށް ޝަމާއު ވިދާޅުވިއެވެ.
"އެއްވަނަ ކެޓަގަރީގައި ނޫނީ ހުރިހާ ކަމެއް ފުރިހަމަވެފައިމިވަނީ 1،000 އެއްހާ ތަން،" ޝަމާއު ވިދާޅުވިއެވެ.
ޝަމާއު ވިދާޅުވީ، މެދު މިންގަނޑެއްގައިވެސް ގިނަ ތަންތަން ހުރި ކަމަށާއި ނަމަވެސް ވަރަށް ހާލަތު ގޯސް ތަންތަންވެސް ފާހަގަކުރެވުނު ކަމަށެވެ. އަދި ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނާއި ސެލޫންތަކާއި ބޯކޮށާ ތަންތަނުގެ އިތުރުން މާލެ ތެރޭގައި ހުރި މާރުކޭޓުތަކުގައި ސާފުތާހިރުކަން ވަރަށް ކުޑަކަން ފާހަގަކުރެވިފައިވާ ކަމުގައިވެސް ސަމާއު ވިދާޅުވިއެވެ. ހާއްސަކޮށް ބިދޭސީން އުޅޭ ތަންތަނުގައި ސާފުތާހިރުކަން ކުޑަކަން އޭނާ ފާހަގަކުރެއްވިއެވެ.
މާސް އިންސްޕެކްޝަންގައި އިންސްޕެކްޓަރުންގެ ގޮތުގައި 44 ބޭފުޅުން ހަރަކާތްތެރިވި އިރު މާލޭ ސަރަހައްދުގައި މިހާރު ނުބެލި ހުރި ތަންތަން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެއްކޮށް ބަލައި ނިންމާލެވޭނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު