އަތޮޅުތެރޭގައި ގާއިމު ކުރި ފެސިލިޓީތަކުގައި އަންނަ ހަފުތާގެ ތެރޭގައި ހިދުމަތްދެވޭވަރު ވާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑާ ގުޅިގެން އަތޮޅުތެރޭގައި ގާއިމުކުރި ފަސް މެޑިކަލް ފެސިލިޓީއާއި ދެ ޓްރާންސިޓް ފެސިލިޓީގެ މަސައްކަތް ނިމި އަންނަ ހަފުތާގެ ތެރޭގައި އެތަންތަނުން ހިދުމަތް ދެވެން ފެށޭނެ ކަމަށެވެ.

"އަތޮޅުތެރޭގައި ގާއިމުކުރާ ހަތް ތަނެއް، މިއީ ފަސް މެއިން ފެސިލިޓީއާއި ދެ ޓްރާންސިޓް ފެސިލިޓީ. މި ތަންތަނުގެ މަސައްކަތް މުޅިންހެން ނިމި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި ހަތް ތަނުންވެސް ހިދުމަތް ދެވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ފެސިލިޓީތަކާ ބެހޭ އިތުރު މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، އައްޑޫ ސިޓީގެ އިތުރުން ލ. ގަމުގައި ގާއިމު ކުރި ފެސިލިޓީ މިހާރުވެސް އޮތީ ހިދުމަތް ދެވޭ ވަރަށް ފައްކާވެފައި ކަމަށެވެ. އެގޮތުން އެތަންތަނަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން މެޝިނަރީތައް ވެސް ގެންގޮސް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އިސްމާއިލް ވިދާޅުވީ، އެހެން ފެސިލިޓީތަކުގައިވެސް މިހާރު ހުރީ ވަރަށް ކުދިކުދި މަރާމާތުތައް ކަމަށެވެ.

ކޮވިޑާ ގުޅިގެން ހުޅުމާލޭގައިވެސް 300 އެއްހާ އެނދުގެ ޖާގައިގެ މެޑިކަލް ފެސިލިޓީއެއް ވަނީ ގާއިމުކޮށްފައެވެ.