މިދިޔަ 24 ގަޑިއިރު ތެރޭ 39 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 2801 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތް މީހަކާއި އިންޑިއާގެ ފަސް މީހެއް ކަމަށެވެ.
މިފަހަކަށް އައިސް ރާއްޖޭގައި ފެންނަމުން އަންނަ ކޮވިޑް ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ޕޮޒިޓިވް ކޭސްތަކުގެ އަދަދު ގިނަކަން ފާހަގަކޮށްލެވެއެވެ. ހުކުރު ދުވަހު 64 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ހޮނިހިރު ދުވަހު 47 މީހަކު ޕޮޒިޓިވްވިއެވެ. އާދީއްތަ ދުވަހު 67 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އިއްޔެ ޕޮޒިޓިވްވީ 31 މީހެކެވެ.
އެޗްޕީއޭ އިން ބުނީ، ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 12 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. ބަލިން ފަސޭހަވީ މީހުންގެ އަދަދު 2302 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 470 މީހަކަށެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 47 މީހަކު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 410 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 14 މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ނުވަ ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު