މިިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެނުނު ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް 19 ގެ ސަބަބުން ވަނީ އެތައް ލައްކަ މީހުންނެއް މަރުވެފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އަދިވެސް މި ވައިރަސް ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން ދާއިރު، އެތައް މިލިއަން މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އިންސާނާގެ ލޮލަށް ނުވެސް ފެންނަ ވަރުގެ މިކުޑަކުޑަ ވައިރަސް ވަނީ މުޅި ދުނިޔެ ކުޑަކަކޫ ޖައްސައިފައެވެ. ހަތިޔާރުގެ ގޮތުންނާއި އިގްތިސާދުގެ ގޮތުން އެންމެ މުއްސަނދި ގައުމުތައް މިވަނީ މިއަދު އެ ވައިރަހުގެ ފައިތިލަ ދަށަށް ވެއްޓިފައެވެ. ގިނަ ގައުމުތަކުގެ އިގްތިސާދު ފުނޑުފުނޑުވެ ދަނީ އިނދަ ޖެހެމުންނެވެ.

ހައިރާންވާން ޖެހޭ ކަމަކީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތައްވެސް ހަމަބިމަށް ތިރިކޮށްލި މިނުރައްކާތެރި ކޯވިޑް 19 ވައިރަސް ދެކެ ދިވެހިން ބިރުނުގަންނާތީއެވެ. މީގެ ތިން ވަރަކަށް މަސް ކުރިން މާލެއިން ފަހުގެ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް މީހަކު ޕޮޒިޓިވް ވެ ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުން ވަނީ މުޅި ރާއްޖެ ލޮކްޑައުން ކޮށްފައެވެ. ވިޔަފާރިތައް ބަނގުރޫޓް ވެ އެތައް ބައެއްގެ ވަޒީފާ ގެއްލި މަގުމަތި ވިއެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް 19 ޖެހިގެން މަރުވެފައިވަނީ 14 މީހުންނެވެ. މިއީ މިފަދަ ކުޑަކުޑަ ގައުމަކާއި ބަލާފައި ބޮޑު އަދަދެކެވެ. ރާއްޖޭގައި މިހާތަނަށް 2762 މީހުންނަށް ވަނީ ކޯވިޑް 19 ޖެހިފައެވެ. މިއީވެސް ކުޑަ އަދަދެއް ނޫނެވެ.

ހަތަރު ވަރަކަށް މަސް ދުވަހު މުޅި ރާއްޖެ ލޮކްޑައުން ކޮށްފައި ބޭއްވުމަށްފަހު ލޮކްޑައުން އަށް ލުއިތަކެއް ދިނީ މީގެ މަހެއްހާ ދުވަސްކުރިންނެވެ. ފިހާރަތަކާއި ސުކޫލުތަކާއި ކެފޭތައް ހުޅުވައި، ހުއްދައާއި ނުލައި ބޭރުގައި އުޅުމުގެ ހުއްދަ ދިނެވެ. އެހިސާބުން ދެން އިވެން ފެށީ ވަރަށް ހިތާމަވެރި ހަބަރުތަކެކެވެ. އަނެއްކާވެސް ކްލާސްޓާތަކާއި ނުގުޅޭ ކޯވިޑްގެ ގިނަ ކޭސްތައް ފެންނަ ވާހަކައެވެ. ކޯވިޑް ޖެހޭ މީހުންގެ އަދަދު މަދުވެފައި އަނެއްކާވެސް ދުވަހަކަށް ވުރެ ދުވަހެއް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަ ވަމުން ދަނީއެވެ.

މީގެ ހަތަރު ވަރަކަށް މަސް ކުރިޔަށް ބަލައިލަމާ ހިނގާށެވެ. ކޯވިޑް ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެން ފެށުމާއެކު، ސަރުކާރުންނާއި އެޗްޕީއޭ އިން ދިޔައީ ކޮންމެ ދުވަހަކު ރައްޔިތުންނަށް ބަލީގެ ނުރައްކާތެރިކަން ހުރި މިންވަރު ކިޔައިދެމުންނެވެ. ކޮންމެހެން މުހިންމު ކަމެއް ނެތް ނަމަ ބޭރަށް ނުދިއުމަށް އެތައް ފަހަރަކު ހަނދާން ކޮށްދިނެވެ. އެހެންނަމަވެސް އެޗްޕީއޭ އިން ދެމުން ގެންދިޔަ އިރުޝާދުތަކަށް ގިނަ ދިވެހިން ދެމުން ގެންދިޔައީ ބީރު ކަންފަތެކެވެ. އިރުޝާދުތަކަށް ތަބާ ނުވެ، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި އުޅުމުގެ އާހިރު ނަތީޖާ ދިވެހިންނަށް ވަނީ މި ވޭތުވެދިޔަ ހަތަރުމަސް ދުވަސް ތެރޭ ދެކިފައެވެ.

ރާއްޖޭގެ ފުރަތަމަ ކޯވިޑް 19 ފެތުރުމުގެ ކުރިންވެސް ދިވެހިން ސަމާލުވުމަށް އެތައް ނުރައްކަލުގެ ރަނގަބީލުތައް ޖެހިއެވެ. އެހެންނަމަވެސް ގިނަ ދިވެހިން އެ ރަނގަބީލުތަކަށް ދިނީ ބީރު ކަންފަތެކެވެ. މިއަދު އަނެއްކާވެސް ގައުމު މިސްރާބު ޖަހާފައި މިއޮތީ އެ އަނދިރިގަނޑަށެވެ. ނުރައްކަލުގެ ރަނގަބީލުތައް ދަނީ އެތައް ފަހަރަކު ޖެހެމުންނެވެ. އެހެންނަމަވެސް ދިވެހިންގެ އުޅުމަށް ބަދަލެއް ނައެވެ. ފަރުދީ ޒިންމާ އަދާކޮށް ގޭގައި ތިބޭށޭ ބުނެ ބޮޑެތި ސްޓޭސްތައް ފޭސްބުކްގައި ޖަހަނީ އެކުވެރިންނާއި އެކު ގައިދުރުކުރުމެއްނެތި ކޮފީތަކުގައި ތިބެފައެވެ. ލޮކްޑައުން އަށް ލުއިތައް ދީ ގައުމު ހަމަޔަކަށް ނޭޅި އުޅެނިކޮށް ހަވީރު ފިނި ބުރުޖަހަންށާއި އެކުވެރިންނާއިއެކު މަޖާ ކުރަން ބޭރަށް ދާން ފަށައިފިއެވެ. މަސްދަތުރުތައް ގޮސް ޕާޓީތަކާއި ހަފުލާތައް ބާއްވަން ވެސް ފަށައިފި އެވެ. މީގެ ނަތީޖާއެެއްގެ ގޮތުން މީހަކު ޕޮޒިޓިވް ވާ އިރު ގުޅިފައި ހުންނަ ކޮންޓެކްޓްސް ތަކުގެ އަދަދު އެތައް ގުނައެއް މައްޗަށް ޖެހިއްޖެ އެވެ.

ދިވެހިން ޒިންމާދާރުވާނީ ކޯވިޑް 19ގެ ބިޔަ ރާޅުތަކުން މިކުޑަކުޑަ ގައުމު އެއްކޮށް ފުނޑުފުޑުވެ ދިޔައީމަ ހެއްޔެވެ؟ ނުވަތަ އަހަރެމެންގެ ގާތް ލޯބިވާ އެތައް ބަޔަކު މިދުނިޔެ ދޫކޮށް ދިއުމުން ހެއްޔެވެ؟ ކަމާ ބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކަށް އަނެއްކާވެސް ކުރިން ފަދައިން ވަގުތު ފާއިތުނުވަނީސް ތަބާވަމާ ހިނގާށެވެ. މިއީ އަޅުގަނޑުމެންގެ ގައުމެވެ. މިގައުމަށް ލިބޭ ކޮންމެ ދެރަޔަކީ ކޮންމެ ދިވެއްސަކަށްވެސް ލިބޭނެ ދެރައެކެވެ. ލަސްނުވަނީސް ފަރުދީ ޒިންމާ އަދާކުރަމާ ހިނގާށެވެ. ބޭރަށް ދާނަމަ ގައިދުރުކޮށް މާސްކް އަޅަމާ ހިނގާށެވެ.