ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީ، ހަސަން އިސްމާއީލްގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ގޮތެއް ނިންމައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވިކަމަށް ބުނާ އާމިނަތު ރާއިއާ މުނައްވަރުގެ ގާނޫނީ ވަކީލުންގެ ޓީމުން އެދިއްޖެއެވެ.

ރާއިއާގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހައްވާ ޝަފީއާ ރިޒާ ސޮއިކުރައްވައި ރައީސް ސޯލިިހަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ، ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީގެ މަގާމުގައި ހުންނެވި ހަސަން އިސްމާއީލް، އާމިނަތު ރާއިއާ މުނައްވަރަށް ޖިންސީ ފުރައްސާކުރި މައްސަލަ ބަލައިދިނުމަށް އެދި މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ރައީސް އޮފީހަށް ހުށަހެޅި ސިޓީއަށާއި، އެ މައްސަލަ ބެލުމުގައި އަމަލުކޮށްފައިވާ އިޖުރާއަތުތަކަކީ ކޮބައިކަމާއި އަދި އެ މައްސަލަ ރައްދުވާ، ހަސަން އިސްމާއީލަށް އެޅުއްވި ގާނޫނީ ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެދި މިއަހަރުގެ ޖެނުއަރީ 29ގައި ރައީސް އޮފީހަށް ހުށަހެޅި ސިޓީއަށް މިއަދާ ހަމައަށްވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

ރާއިއާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ، އެ މައްސަލަ ބަލައިދިނުމަށް ރާއިއާގެ ފަރާތުން ޖެނުއަރީ 21ގައި ރައީސް އޮފީހުގައި އެދުނުއިރުވެސް ރައީސް އޮފީހުގެ އަމިއްލަ އިސްނެގުމަށް އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާގެ ވަކީލުންގެ ޓީމުން ބުނީ، މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ އަމަލުތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް އެފަދަ މައްސަލައެއް ހުށަހަޅާތާ ގިނަވެގެން 60 ދުވަސްތެރޭގައި ބަލައި ނިންމަންވާނެ ކަމަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިރު، ރާއިއާއަށް ކުރި ޖިންސީ ފުރައްސާރައިގެ މައްސަލަ ހުށަހެޅި ތާރީހުން ފެށިގެން އެ މައްސަލަ ބެލުމަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ މުއްދަތު މިހާރު ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ.

ވަކީލުންގެ ޓީމުން ބުނީ، ހަސަން އިސްމާއީލަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި މިއަދާ ހަމައަށްވެސް ގޮތެއް ނިންމާފައިނުވާތީ، ޖިންސީ ފުރައްސާރައާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރުމަށް ރައީސް އޮފީހުން އިހުމާލުވެފައިވާ ކަމަށެެވެ.

ރާއިއާގެ ވަކީލުންގެ ޓީމުން ވަނީ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތައް ބެލުމުގައި ރައީސް ސޯލިހު ތަފާތުކުރުން ގެންގުޅޭ ކަމަށް ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

"މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތެއްގެ މައްޗަށް އެކަނި ބިނާކޮށް، ސިޔާސީ މަގާމެއްގައި ހުރި ކުރީގެ މިނިސްޓާ އޮފް ޓޫރިޒަމް، އަލީ ވަހީދު މަގާމުން ވަކިކުރެއްވި އިރު، ހަމަ މަނިކުފާނު އައްޔަނުކުރައްވާފައިވާ ތިޔަ އޮފީހުގެ ސިޔާސީ މަގާމެއްގައި ހުންނެވި ހަސަން އިސްމާއީލްގެ މައްޗަށް ހަށި ގަންނަން ރިޝްވަތު ހުށަހެޅިކަމުގެ ޖިންސީ ފުރައްސާރައިގެ މައްސަލަ މަނިކުފާނުގެ އޮފީހަށް ހުށަހަޅާފައިވާތާ ފަސް މަސް ދުވަސްވީއިރުވެސް އެފަރާތާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ މިފަދަ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ތަފާތުކުރުން ގެންގުޅުއްވާކަމަށް ބެލެވޭކަމަށް ފެންނަ ވާހަކަ ދަންނަވަމެވެ..،" ރާއިއާގެ ވަކީލުންގެ ޓީމުން ރައީސަށް ފޮނުވި ސިޓީގައިވެއެވެ.

އެ ސިޓީގައި ބުނީ، ހަސަން އިސްމާއީލް ހުރި މަގާމުގެ ގޮތުން، އޭނާއަކީ ޖިންސީ ފުރައްސާއިގެ ޝިކާރައަކަށްވި ރާއިއާއަށް ނުފޫޒު ފޯރުވޭ ފަދަ މަގާމެއްގައި ހުރި މީހަކަށް ވުމުން، އެކަމުގެ ސަބަބުން ރާއިއާއަށް ވަޒީފާ އަދާކުރުމުގައި ދަތިތަކެއް ހުރި ކަމަށެވެ.

ސިޓީ ނިންމާލަމުން ބުނީ، ހަސަން އިސްމާއިލާ މެދު ރައީސް އޮފީހުން އެޅުއްވި ފިޔަވަޅު ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އެންގުން އެދޭ ކަމަށެވެ.