މަޖިލީހުގެ ރައީސް

ސީއެސްސީގެ މެންބަރު ކަމަށް ފުރުސަތު ހުޅުވާލިކަން މަޖިލިސް ރައީސް އިއުލާން ކުރައްވައިފި

އިބްރާހިމް ޒަކީ

ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގައި ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންގެ މަގާމު ހުސްވެފައިވާތީ އެ މަގާމުތަކަށް ކުރިމަތިލެއްވުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހުޅުވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ސިއެސްސީން ހުސްވެފައިވާ މެންބަރު ކަމުގެ ހަތަރު މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައްވާކަމަށާއި، މިމަހު 21 ގެ ނިޔަލަށް އެފުރުސަތު ހުޅުވާލައި އެކަން އާއްމުކޮށް އަންގާ އިއުލާން ކުރައްވާ ކަމަށެވެ.

އެފުރުސަތު މަޖިލިސް ރައީސް ހުޅުވާލައްވާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެ ކޮމިޝަންގެ ހަތަރު މެންބަރުން ވަކި ކުރަން ހުށަހެޅުމުން، އެކަމަށް ވޯޓަށް އެހުމުގެ ކުރިން ތިން މެންބަރުން އިސްތިއުފާ ދެއްވުމުން، ކޮމިޝަނުން އިސްތިއުފާ ނުދެއްވި މެންބަރުގެ މައްޗަށް މަޖިލީހުން ވޯޓު ނަގައި އޭނާ ވަކި ކޮށްފައި ވަނިކޮށެވެ.

އިއްޔެ ޖަލްސާގައި މަގާމުން ވަކިކުރަން އެޖެންޑާކޮށްފައި ވަނިކޮށް ވޯޓުގެ ކުރިން ސީއެސްސީން އިސްތިއުފާ ދެއްވީ އެކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން މެންބަރު ޒަކަރިއްޔާ ހުސައިން އެވެ. ވޯޓު ނަގައިގެން މަގާމުން ވަކިކުރީ އެ ކޮމިޝަންގެ މެންބަރު އިބްރާހީމް ޝަހީގު އެވެ.

ސީއެސްސީގެ މެންކަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ސަރުކާރު މުވައްޒަފުންނާ ގުޅޭ ކޮމިޝަން (ސީއެސްސީ) ހިންގާ ބެލެއްޓުމަށް ބޭނުންވަނީ ސަރުކާރު މުވައްޒަފުންގެ މަސައްކަތްތައް ހަލުވިކަމާއެކުގައި އެއިރެއްގައި ތިބޭ، ސިޔާސީ ބޭފުޅުންގެ މެނިފެސްޓޯ، ނުވަތަ ވައުދުތައް ފުއްދައިދިނުމަށް އަމާޒު ހިފައިގެން ކެނޑިނޭޅި މަސައްކަތްކުރާ ބައެއް ކަމަށެވެ.

ރާއްޖޭގެ ސިވިލް ސާވިސް ރަނގަޅު ގޮތުގައި ހިންގަން ބާރުއަޅަން އެދިވަޑައިގަންނަވާ ތަޖުރިބާކާރު ބޭފުޅުން މިމަގާމަށް ކުރިިމަތިލެއްވުން މުހިއްމުކަން ފާހަގަ ކުރައްވައި މަޖިލިިސް ރައީސް ވިދާޅުވީ، އެއީ ވަކި ޕާޓީއަކަށް ނުވަތަ އެއްވެސް ބާވަތެއްގެ އެއް ނަޒަރިއްޔާތަށް ހުޅުވިފައި އޮތް މަގާމެއް ނޫން ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އެ ފުރުސަތު ހުޅުވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.