ސްޕެނިޝް ލީގުގައި ރޭ ގްރަނާޑާ އާއި ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗް 2-1ގެ ނަތީޖާ އަކުން ރެއާލް މެޑްރިޑުން ކާމިޔާބުކޮށް ލީގު ހޯދުމާ ދެޕޮއިންޓް ގާތަށް ޖެހިލައިފިއެވެ.
މި ނަތީޖާއާއެކު ރެއާލް މެޑްރިޑް ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 36 މެޗުން ލިބުނު 83 ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނައިގައި އޮތް ބާސެލޯނާއަށް ކުޅުނު 36 މެޗުން 79 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 36 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ.
ރޭ ރަށުން ބޭރުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. މި މޮޅާއެކު ރެއާލުން ވަނީ އެންމެ ފަހުން ކުޅުނު ނުވަ މެޗުންވެސް މޮޅުވެފައެވެ.
ރޭގެ މެޗުގެ ކުރީކޮޅު ރެއާލުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު ފޭލަންޑް މެންޑީއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މިޑްފިލްޑަރު ކަސެމީރޯގެ އެހީތެރިކަމާއެކުގައެވެ. އޭގެ ހަ މިނެޓު ފަހުން ރެއާލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު މިޑްފިލްޑަރު ލޫކާ މޮޑްރިޗްގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދީފައިވަނީ އިތުބާރު ފޯވާޑް ކަރިމް ބެންޒެމާއެވެ.
މި ލަނޑަށްފަހުވެސް ރެއާލުން ވަނީ ގްރަނާޑާގެ ގޯލަށް ނުރައްކާކޮށް، ގިނަ ހަމަލާތަކެއް ފޮނުވައިލައިފައެވެ. އެގޮތުން ރެއާލްގެ އިސްކޯއަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ގްރަނާޑާއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ރެއާލްގެ މިޑްފިލްޑަރު ކަސެމީރޯ ހެދި ގޯހެއްގެ ފައިދާނަގައި ގްރަނާޑާއިން ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީނީ ޑާވިން މަޗީސްއެވެ.
މި ލަނޑަށްފަހުވެސް ގްރަނާޑާއިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ރެއާލްގެ ގޯލަށް ފޮނުވައިލައިފައެވެ. ނަމަވެސް ރޭގެ މެޗުގައި މޮޅު ކުޅުމެއްދެއްކި ރެއާލްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ވަނީ އެހަމަލާތައް ދިފާއު ކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު