ކޮވިޑް 19އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން މިދުވަސްކޮޅު ގިނަވަނީ ލުއިތަކާއެކު ގިނަ މީހުން އެއްވާ ގޮތަށް ހަރަކާތްތައް ބާއްވާތީ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދުވަސްކޮޅު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވް މީހުންގެ ކޮންޓެކްޓުންވެސް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތަށް މެދުވެރިވާ އެއް ސަބަބަކީ ލޮކްޑައުނަށް ލުއިދިނުމާއެކު ގިނަ މީހުން އެއްވާގޮތަށް ހަފުލާތަކާއި ޕާޓީތަކާއި ޖަލްސާތައް އަދި އެހެނިހެން އެއްވުންތައް އެއްވަމުން ދިއުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، ލޮކްޑައުނަށް ލުއިތައް ދިން ނަމަވެސް 30 މީހުންނަށްވުރެ ގިނައިން އެއްތަނަކަށް އެއްވެ އުޅުމާއި، މުހިންމު ހާލަތްތަކުގައި މެނުވީ އޮފީސް ބައްދަލުވުންތައް ވެސް އޮންލައިންކޮށް ބޭއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. ލޮކްޑައުނަށް ލުއިދިނުމަށް ނެރެފައިވާ އުސޫލުތަކާއި ގަވައިދުތަކަށް އަމަލުކުރުމަށްވެސް އެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.

މި ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ޕޮޒިޓިވް ކޭސްތަކުގެ އަދަދު ގިނަކަން ފާހަގަކޮށްލެވެއެވެ. ހުކުރު ދުވަހު 64 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ހޮނިހިރު ދުވަހު 47 މީހަކު ޕޮޒިޓިވްވިއެވެ. އިއްޔެ 67 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިއަދު ޕޮޒިޓިވްވީ 31 މީހެކެވެ.