މިދިޔަ ބުރާސްފަތި ދުވަހު ޖެންޑާ މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި، ބައިވެރިޔަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ވިދާޅުވީ، ޖެންޑާ މިނިސްޓްރީގެ ބައްދަލުވުމެއްގެ ބައިވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާ ޕޮޒިޓިވްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްގެންދަމުން އަންނަ ކަމަށެވެ.
ޒިފްލީން ވިދާޅުވީ، އެ ބައްދަލުވުމުގެ ހުރިހާ ބައިވެރިންވެސް ތިބީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ގައިދުރުކޮށް، މާސްކްވެސް އަޅައިގެން ކަމަށެވެ.
އެނގިފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ)ގެ މުވައްޒަފެކެވެ. ނަމަވެސް އެކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އިތުބާރު ހިފޭ މަސްދަރަކުން "ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޖެންޑާ މިނިސްޓްރީން އިސްނަގައިގެން ސްޓެލްކޯގެ ސެމިނާ ރޫމްގައި ބޭއްވި ބައްދަލުވުމެއްގެ ބައިވެރިއެކެވެ. އެ ބައްދަލުވުމަކީ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި މަޝްވަރާކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމެކެވެ.
އެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ މަންދޫބު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުން އަދި މަދަނީ ޖަމިއްޔާތަކާއި ޔުނިސެފްގެ ފަރާތުން މަންދޫބުން ބައިވެރިވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު