ބިދޭސީންގެ މައްސަަލަ ހައްލު ކުރުމުގައި އޭނާގެ މައްޗަށް ނުފޫޒު ފޯރުވާނެ މީހެއް އަދި ޖެހިލުންވާނެ މީހެއްވެސް ނުހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިދޭސީންގެ މައްސަލައާބެހޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ މަގާމުގައި ހުންނެވިހާ ދުވަހަކު ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ބިދޭސީންގެ މައްސަލައަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށެވެ.

އެއީ ފަސޭހައިން ހައްލު ކުރެވޭނެ މައްސަލައެއްނޫން ކަމަށާއި، އެކަމާ ހަވާލުވެވަޑައިގަތުމުން، އެކަން ފާހަގަ ކުރެވުނީ، ދާނެ ދިމާލެއް ދެން ވާނެގޮތެއް ނޭނގޭ ކަހަލަ އަނދިރި ބިރުވެރި ހޮހަޅައެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އުނދަގުލުން ނަމަވެސް އެ މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި މަޖިލީހުގެ އެހީތެރިކަން ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އެ މައްސަލަ ހައްލު ކުރުމަށް މަޖިލީހަށް ހުށަހަޅުއްވާ ކަންކަމަށް އެބާރުލުން ދެއްވުން މުހިއްމު ކަމަަށާއި، މަޖިލީހުގެ އެއްބާރުލުން ދެއްވައިގެންވެސް އެކަން ނުކުރެވިއްޖެނަމަ، ފިޔަވަޅު އެޅުމުގެ ބާރު މަޖިލީހަށް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމާއި، ވަޒީފާއިން ވަކި ކުރުމުގެ ފުރުސަތު އެބައޮތްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.