އިދިކޮޅު ޕީޕީއެމް/ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާދަމާ ބްރޯޑްކާސްޓިން ކޮމިޝަން ކުރިމަތީގައި އިހުތިޖާޖު ކުރަން ނިންމައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބުނީ، އެ ކޯލިޝަންގެ ލީޑަޝިޕް އަދި ކައުންސިލް މެންބަރުން މާދަމާ ހެނދުނު 10:30ގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ކުރިމަތީގައި އިހުތިޖާޖު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބްރޯޑްކޮމް ކުރިމަތީގައި އިހުތިޖާޖު ކުރަން އިދިކޮޅުން ނިންމި އިރު، ބްރޯޑްކޮމްއިން ވަނީ ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީގައި އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން "މެންދުރު އެމްވީ"ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް އަކުރުން އަކުރަށް "ޗެނަލް 13"އިން ތަކުރާރުކޮށް ގެނެސްދެމުން ދާތީ، އެ ރިޕޯޓް ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރަމުން ދަނީ ތެދެއްކަން ކަށަވަރުކޮށްގެންކަން ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ބަލަން ފަށައިފައެވެ.

މީގެ ކުރިންވެސް ބްރޯޑްކޮމްއިން ވަނީ ޗެނަލް 13ގެ ބައެއް މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.