ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުން މަނާކޮށްފި އެވެ.

ފުލުހުން ބުނީ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަލީ ވަހީދު ފުރުން މަނާކޮށްފައިވާ ކަމަށެވެ.

އަލީ ވަހީދު ފުރުން މަނާކޮށްފައިވާއިރު، ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ އޭނާ ދިރިއުޅުއްވާ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، ގޭތެރެއިން އަލީ ވަހީދާ ގުޅުން ހުރި އިލެކްޓްރޯނިކް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ހެކި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން އަލީ ވަހީދު ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އޭނާގެ ފޯނަކާއި ލެޕްޓޮޕެކެވެ.

އަލީ ވަހީދު މަގާމުން ވަކިކުރެއްވީ ޖިންސީ ގޯނާގެ ތުހުމަތުތަކެއް ފެންމަތިވުމުން އެ މަގާމުން އޭނާ އިސްތިއުފާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން، މިދިޔަ ބުދަ ދުވަހުއެވެ.

އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވެ އެކަން ހުށަހަޅާފައިވާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންގެ އަދަދު ނުވަޔަކަށް އަރާ ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ދޭއިރު، އަނެއްބައި މަސްދަރުތަކުން ބުނަނީ ހަތް މުވައްޒަފުން ކަމަށެވެ. މީގެ ތެރެއިން ބައެއް މުވައްޒަފުންނަށް އޮފީސް މާހައުލުގެ ބޭރުން ވެސް އަލީ ވަހީދުގެ ފުށުން ޖިންސީ ގޯނާގެ އަމަލުތަކާ ކުރިމަތިލާން ޖެހުނު ކަމަށް މައުލޫމާތު ލިބެއެވެ.

ވަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލަތައް މުވައްޒަފުންނަށް ކުރިމަތިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަލީ ވަހީދާއެކު ދަތުރެއްގައި ރިސޯޓަކަށް ގޮސް ހުއްޓައި ޖިންސީ ފުރައްސާރައިގެ މައްސަލަ ކުރިަމތިވުމުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފަކު މޫދަށް ފުންމައިލި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވަން އަށް މައުލޫމާތު ދިން މަސްދަރަކުން ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު ވަކިކުރި އިރު، މީގެ މަސްތަކެއް ކުރީން އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް އެހެން މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެފަހަރު ލީކުވި އޯޑިއޯތަކެއްގައި އަލީ ވަހީދު ވަނީ ކެބިނެޓުގެ އެހެން ބައެއް ވަޒީރުންނަށް ރައްދުވާ ގޮތަށް ވަރަށް ބޭއަދަބީ ބަސްތައް ބޭނުންކުރައްވައިފަ އެވެ.

އޭގެ ތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ހިމެނިވަޑައިގަންނަވަ އެވެ. ނަހުލާއާ ގުޅޭ ގޮތުން ދައްކަވާފައި ހުރީ ޖިންސީ ފުރައްސާރަޔަށް ބެލެވޭ ފަދަ ވާހަކަތަކެއް ކަމަށް ވިދާޅުވެ، އޭރު މިނިސްޓަރު ނަހުލާވެސް ވަނީ އެ މައްސަލަ ބައްލަވައިދެއްވުން އެދި ރައީސް ސޯލިހަށް ހުށަހަޅުއްވައިފައެވެ.