ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ޖިންސީ ގޯނާގެ ތުހުމަތު ކުރާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އެ އޯޑިއޯގެ ސައްހަކަން ބެލުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ ވަޓްސްއެޕް ގްރޫޕުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން ވަނީ މިފަދަ މައްސަލައެއް ހުށަހެޅިފައި ނުވާ ކަމަށް ބުނެފައެވެ.

ނަމަވެސް މި މައްސަލައިގައި ހިމެނޭ އޯޑިއޯ ސޯޝަލް މީޑިއާ މެދުވެރިކޮށް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވުމުން އެ އޯޑިއޯގެ ސައްހަކަން ބެލުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ސޯޝަލް މީޑިއާގައި މި އޯޑިއޯ އާންމު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. މި އޯޑިއޯގައި މިނިސްޓަރު އިމްރާން އަންހެނުންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ބުނެ މިނިސްޓަރު އިމްރާނަށް ތުހުމަތުކޮށް އަންހެނަކު ވާހަކަ ދައްކާ އަޑު އިވެއެވެ.