ކުޑަފަރީން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެރަށުން ޕޮޒިޓިވް ވެފައިވަނީ ރޭ ދަންވަރު މާލެ ގެނައި އުމުރުން 92 އަހަރުގެ ފިރިހެނެކެވެ. އެ މީހާ މާލެ ގެނައީ ފާހާނައިން ނުކުންނަނިކޮށް ވެއްޓި އަނިޔާވެގެން، ނ. މަނަދޫ ހޮސްޕިޓަލަށް ގެންދިއުމަށްފަހު އެތަނުން ހެދި ސްކޭންތަކުން އޭނާގެ ފައި ބިނދިފައިވާ ކަމަށް ބުނުމުންނެވެ.
ކުޑަފަރީ ކައުންސިލްގެ ރައީސް ހަސަން މުހައްމަދު "ވަން" އަށް ވިދާޅުވީ، އެ ކޭސްއާ ގުޅިގެން އެރަށަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު މެންދުރު 11:50 އެހާކަންހާއިރު ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޕޮޒިޓިވްވި މީހާއާ ގުޅިގެން އިއްޔެ ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 30 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ އެންމެންވެސް މިހާރު ކަރަންޓީނު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މިފަހަކަށް އައިސް ރަށްރަށުން ކޮވިޑް ކޭސްތައް ފެންނަ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން އއ. ތޮއްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.
އޭގެ އިތުރުން ރ. ދުވާފަރުން ހޯމް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ދޫކޮށްލި ތިން މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ދުވާފަރުން ފެނުނު ކޭސްތަކާ ގުޅިގެން އެރަށް މިހާރު ވަނީ ލޮކްޑައުން އަށް ގެނެސްފައެވެ.