އަމީތާބް ބަޗަންގެ އަންހެނުން ޖަޔާ ބަޗަން އާއި ދަރިފުޅު އަރާދުޔާ ބަޗަން އަދި އަބީޝެކްގެ އަންހެނުން އައިޝްވާރިޔާ ބަޗަން ކޯވިޑް 19 އަށް ނެގެޓިވް ވެއްޖެއެވެ.

ރޭގެ ވަގުތެއްގައި އަބީޝެކް ބަޗަން އަދި އޭނާގެ ބައްޕަ އަމީތާބު ބަޗަން ވަނީ ކޯވިޑް 19 އަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. އެދެމީހުން ޕޮޒިޓިވް ވުމާއި ގުޅިގެން އައިޝްވާރިޔާ ޖަޔާ އަދި އަރާދުޔާގެ ބަލިހުރިތޯ ބެލުމަށް ވަނީ ޓެސްޓް ކޮށްފައެވެ.

އަމީތާބު ބަޗަން އޭނާގެ އާއިލާއާއިއެކު ދިރިއުޅުމުން އަންނަ ޖަލްސާ ރެސިޑެންސް ވެސް މިހާރު ވަނީ މީހުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށް ޑިސްއިންފެކްޓް ކުރުމުގެ މަަސައްކަތް ފަށައިފައެވެ. އަބީޝެކް އަދި އަމީތާބު އެޑްމިޓްކޮށްފައިވާ ނަނަވަތީ ހޮސްޕިޓަލުގެ އޮފިޝަލުން ވަނީ އެދެމީހުންގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ.

އަމީތާބު އަދި އަބީޝެކް ކޯވިޑް 19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެމީހުންގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް އަވަސް ޝިފާއަކަށް އެދެމުންނެވެ.