ގޯލްޑަން ގްލޯބްސްއިން ޕޮޕް މިޔުޒިކްގެ ތަރި މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް އުފައްދާ ބަޔޯޕިކް މައިކަލް، ކޮމެޑީ ނުވަތަ މިޔުޒިކަލް ކެޓަގަރީގައި ވާދަކުރުމަށް ލަޔަންސްގޭޓުން ހުށަހެޅި ހުށަހެޅުން ބަލައިނުގަތް ކަމަށް ވެރައިޓީން ރިޕޯޓުކޮށްފިއެވެ.

މައިކަލް ޖެކްސަންގެ ރޯލުން ޖައަފަރު ޖެކްސަން ފެންނަ މި ފިލްމު މިޔުޒިކަލް ބަޔަށް ބަލައިނުގަތުމުން، ދެން ވާދަކުރުމަށް ހަމަޖެހިފައިވަނީ ޑްރާމާ ކެޓަގަރީގައެވެ. އަދި ފިލްމުގެ ލީޑް އެކްޓަރު ޖައަފަރު ޖެކްސަން ވެސް އެވޯޑުގައި ވާދަކުރާނީ ޑްރާމާ ބައިގެ އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީގައި ކަމަށް އެ ނޫހުން ބަޔާންކޮށްފައިވެއެވެ.

ގޯލްޑަން ގްލޯބްސްގެ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިޔުޒިކަލް ފިލްމެއްގެ ގޮތުގައި ބެލެވޭނީ ވާހަކައިގެ ޑައިލޮގްތަކުގެ އިތުރުން، ފިލްމުގެ މައިގަނޑު ވާހަކަ ކުރިއަށް ގެންދިއުމަށް ލަވަތައް ބޭނުންކޮށްފައިވާ ކޮމެޑީ ނުވަތަ ޑްރާމާ ފިލްމުތަކެވެ. އާންމު ގޮތެއްގައި ފިލްމު ސްޓޫޑިއޯތަކުން އިހުތިޔާރުކުރާ ކެޓަގަރީއަކަށް ގޯލްޑަން ގްލޯބްސްގެ ކޮމިޓީން އިހުތިރާމުކުރި ނަމަވެސް، މައިކަލްގައި ހިމެނޭ މިޔުޒިކަލް ހުށަހެޅުންތަކުން އެ ގަވާއިދުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ހުށަހެޅުންތައް ދިރާސާކުރި ކޮމިޓީގެ މެންބަރުން ގަބޫލުކުރި ކަމަށް ގޯލްޑް ޑާބީގައި ލިޔެފައިވެއެވެ.

މި ނިންމުމާ ގުޅޭ ގޮތުން ފިލްމުގެ ޕްރޮޑަކްޝަން ޓީމުންނާއި، ލަޔަންސްގޭޓުން ނުވަތަ ގޯލްޑަން ގްލޯބްސް އިންތިޒާމުކުރާ ފަރާތުން ވެސް ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އެވޯޑަށް ފިލްމުތައް ހުށަހެޅުމުގެ ސުންގަޑި ކަމަށްވާ އޮކްޓޫބަރު 31 ވާ ހޮނިހިރު ދުވަހުގެ ކުރިން މި ނިންމުން އިސްތިއުނާފުކުރުމުގެ ފުރުސަތު ލަޔަންސްގޭޓަށް އޮތް އިރު، އެ ކުންފުނިން އެކަމާ މެދު ވިސްނަމުންދާ ކަމަށާއި، އިސްތިއުނާފުކޮށްފި ނަމަ ކޮމިޓީން އަލުން އެ މައްސަލަ މުރާޖައާކުރަން ޖެހޭނެ ކަމަށް ގޯލްޑް ޑާބީން ރިޕޯޓުކޮށްފައިވެއެވެ.