ހޮލީވުޑްގެ އެކްޓަރު އަދި ޕްރޮޑިއުސަރު ޓޮމް ކްރޫޒްއަށް 52 ވަނަ އޭއެފްއައި ލައިފް އެޗީވްމަންޓް އެވޯޑް ދޭން ހަމަޖެހިފައިވާކަން އެމެރިކަން ފިލްމް އިންސްޓިޓިއުޓް (އޭއެފްއައި) ގެ ބޯޑް އޮފް ޓްރަސްޓީޒްއިން ބުދަ ދުވަހު އިއުލާންކޮށްފިއެވެ.

ފިލްމީ ދާއިރާގައި ދެވޭ އެންމެ މަތީ އެއް ޝަރަފު ކަމަށް އެ އިދާރާއިން ސިފަކުރާ މި އެވޯޑް ކްރޫޒްއަށް ދިނުމަށް ހަމަޖެހިފައިވަނީ ސިނަމާގެ ދާއިރާއަށް އޭނާ ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މީގެ ކުރިން މި ޝަރަފު ލިބިފައިވާ ފަންނާނުންގެ ތެރޭގައި ބެޓީ ޑޭވިސް، ގްރެގަރީ ޕެކް، މެރިލް ސްޓްރީޕް އަދި ފްރެންސިސް ފޯޑް ކޮޕޯލާ ހިމެނޭ ކަމަށް ޑެޑްލައިންއިން ރިޕޯޓުކޮށްފައިވެއެވެ.

މި އެވޯޑާ ގުޅޭގޮތުން އޭއެފްއައިގެ ބޯޑް އޮފް ޓްރަސްޓީޒްގެ ޗެއާ ކެތުލީން ކެނެޑީ ވިދާޅުވީ، ކްރޫޒްއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަންނާނެއް ކަމަށާއި، އެކްޓަރެއް އަދި ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން އޭނާ ކުރާ ކޮންމެ މަސައްކަތެއްގައިވެސް އާދަޔާ ހިލާފު ސާބިތުކަމެއް ދައްކާ ކަމަށެވެ. އަދި ފިލްމުތަކަށާއި، ފިލްމުތަކުގެ ސަބަބުން މީހުން އެއްބައިވަންތަކުރުމަށް އޮންނަ ބާރަށް ކްރޫޒް ކުރާ ފުން އިތުބާރަށް ހާއްސަކޮށް ތާރީފުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކެނެޑީ ފާހަގަކުރެއްވި ގޮތުގައި، އެ ޝައުގުވެރިކަމުގެ ސަބަބުން ކްރޫޒް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާގެ ފިލްމީ ދާއިރާ ތަމްސީލުކޮށްދޭ ފާހަގަކޮށްލެވޭ ސަފީރަކަށް ވެފައެވެ.

އޭއެފްއައިގެ ރަސްމީ ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކްރޫޒްއަށް މި އެވޯޑް ހަވާލުކުރުން އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހު ލޮސް އެންޖެލިސްގެ ޑޮލްބީ ތިއޭޓަރުގައި ބާއްވާ ގާލާ ޓްރިބިއުޓް ހަފުލާއެއްގައެވެ. މި ހަފުލާއަކީ އެ އިންސްޓިޓިއުޓްގެ ފަންނީ އަދި ތައުލީމީ ޕްރޮގްރާމްތަކަށް އެހީތެރިކަން ހޯދުމަށް ބާއްވާ ހަފުލާއެކެވެ. ފެބްރުއަރީ 23، 1973 ގައި އޭއެފްއައިއިން ތައާރަފުކުރި މި އެވޯޑަކީ ފިލްމީ ފަންނު ކުރިއެރުވުމަށާއި އެމެރިކާގެ ސަގާފަތް މުއްސަނދިކުރުމަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށް ދޭ އެވޯޑެކެވެ.