ޚަބަރު

ކުޑަފަރީން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ނ. ކުޑަފަރީން މާލެ ގެނައި 92 އަހަރުގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކުޑަފަރީ ކައުންސިލްގެ ރައީސް ހަސަން މުހައްމަދު "ވަން" އަށް ވިދާޅުވީ، އޭނާ މާލެ ގެނެސްފައިވަނީ އިއްޔެ ކަމަށާއި އޭނާއަކީ އުމުރުން 92 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މީހާ މާލެ ގެނައީ ފާހާނައިން ނުކުންނަނިކޮށް ވެއްޓި އަނިޔާވެގެން، ނ. މަނަދޫ ހޮސްޕިޓަލަށް ގެންދިއުމަށްފަހު އެތަނުން ހެދި ސްކޭންތަކުން އޭނާގެ ފައި ބިނދިފައިވާ ކަމަށް ބުނުމުން ކަމަށް ހަސަން މުހައްމަދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމީހާ މާލެ ގެނެސް ހެދި ފުރަތަމަ ޓެސްޓް ކޮވިޑަށް ޕޮޒިޓިވްވުމުން، ދެވަނަ ސާމްޕަލެއް ނަގައި ޓެސްޓު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވެސް ވަނީ މި ކޭސް "ވަން" އަށް ކަށަވަރު ކޮށްދީފައެވެ.