ސްޕެނިޝް ލީގުގައި ބާސެލޯނާ (ބާސާ) އިން 1-0 އިން ރޭ ރެއާލް ވަލެޑޮލިޑް ބަލި ކުރި މެޗްގައި ޖެހި ހަމަ އެކަނި ގޯލް ޖަހަން އެހީތެރިވެދީ ސްޕެނިޝް ލީގުގެ ތާރީހުގައި އެއް ސީޒަނެއްގައި 20 ގޯލު ޖަހައި އަދި 20 ގޯލު ޖަހަން މަގުފަހިކޮށްދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ބާސާގެ ތަރި ލިއޮނަލް މެސީ ހޯދައިފިއެވެ.
ރޭ ރަށުން ބޭރުގައި ހޯދި މި މޮޅާއެކު ބާސެލޯނާ ވަނީ އެއް މެޗު އިތުރަށް ކުޅެ ރެއާލް މެޑްރިޑާ ޕޮއިންޓަކާ ގާތަށް ޖެހިލައިފަ އެވެ. ބާސެލޯނާ އަށް 36 މެޗުން 79 ޕޮއިންޓް ލިބިފައިވާއިރު ރެއާލަށް ވަނީ 35 މެޗު ކުޅެގެން 80 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި ބާކީ އޮތް ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން ރެއާލަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވޭނެ އެވެ. ރެއާލުން މާދަމާ ރޭ ގްރަނަޑާއާ ދެކޮޅަށް ނި ކުންނާނެއެވެ.
ދާދި ހަމަ ހަމަ ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗްގައި ޖެހި ހަމަ އެކަނި ގޯލް މެޗްގެ 15 ވަނަ މިނެޓުގައި މެސީގެ އެހީތެރިކަމާ އެކު ކާމިޔާބުކޮށްދިނީ އާޓޫރޯ ވިޑާލް އެވެ.
ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ 22 ގޯލާއި އެކު މެސީއެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން އެއް ސީޒަނެއްގައި މީގެކުރިން މެސީގެ ރެކޯޑް ގާއިމްކޮށްފައިވަނީ އާސެނަލްއަށް ކުޅުނު ފްރާންސްގެ ފޯވާޑް ތިއެރީ އޮންރީ އެވެ. 03-2002 ސީޒަނުގައި އޮންރީ ވަނީ ލީގުގައި އާސެނަލަށް ކުޅުނު 37 މެޗުގައި 24 ގޯލު ޖަހައި 20 ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ. އޮންރީގެ ރެކޯޑާ މެސީ ހަމަކުރީ 31 މެޗުންނެވެ.
މީގެ އިތުރުން މެސީ ވެގެން ގޮސްފައިވަނީ 09-2008 ސީޒަނަށް ފަހު ސްޕެނިޝް ލީގުގައި 20 އެސިސްޓް ހެދި ފުރަތަމަ ކުޅުންތެރިޔާ އަށް ވެސް މެއެވެ. އެންމެ ފަހުން 20 އެސިސްޓް ހެދީ ބާސެލޯނާގެ ކުރީގެ ތަރި ޒަވީ ހެނާންޑޭޒް އެވެ. އެއީ 2009 ވަނަ އަހަރު އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު