ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ހަދާ ކޮންޓެކްޓް ޓްރޭސިން އަށް ފުރިހަމަ މައުލޫމާތު ނުދޭކަން ފާހަގަކުރެވޭ ކަމަށާއި އެކަމާ ގުޅިގެން ދަތިތަކެއް ކުރިމަތި ވަމުން އަންނަ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ފުރަތަމަ ދުވަހުން ފެށިގެން ވެސް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ދިމާވެފައި ތިބި މީހުން ދެނެގަނެ، އެމީހުން 14 ދުވަސް ވަންދެން ކަރަންޓީނުކޮށް، އެ މުއްދަތު ހަމަވުމުން ޓެސްޓު ކުރަމުން އަންނަ ކަމަށެވެ. އަދި ދުނިޔޭގައި ވެސް ބަލި ކޮންޓްރޯލް ކުރުމަށް އެންމެ ބޮޑު ސަމާލުކަމެއް ދީގެން އަޅާ އެއް ފިޔަވަޅަކީ ރަނގަޅަށް ކޮންޓެކްޓް ޓްރޭސިން ހެދުން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މިފަހަކަށް އައިސް ކޮންޓެކްޓް ޓްރޭސިން އަށް ފުރިހަމަ މައުލޫމާތު ނުދޭކަން ފާހަގަކުރެވިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"ބައެއް ފަހަރު އެބަހުރި ފަހުން އަޅުގަނޑުމެންނަށް އެނގިފަ އެބަޔަކާ އަދި އިތުރު ބަޔަކު ވެސް ދިމާވެފައި ހުރި ކަމަށް. ބައެއް ފަހަރު މީހަކު ޕޮޒިޓިވްވީމަ ކޮންޓެކްޓް ވެފައި ތިބި މީހުން އަމިއްލައަށް ގުޅާފަ ވެސް އެބަ ވިދާޅުވޭ ކޮންޓެކްޓްވީ ކަމަށް. ނޫނީ ބައެއް އެހެން ފަހަރު ޓިޕްސް ލިބިގެން ބަލައިލާއިރު އެބަ ތިބި ކޮންޓެކްޓް ވެފައި ތިބި މީހުންގެ މައުލޫމާތު އިތުރަށް ނުދީ. އެއް ގެއެއްގައި އެއްކޮށް އުޅޭ ހުރިހާ އާއިލާ މެންބަރުންގެ މައުލޫމާތު ނުދެއްވާ ބޭފުޅުން ވެސް އެބަ ތިއްބެވި. ވަޑައިގެންނެވި ތަންތަނުގެ މައުލޫމާތު ނުދެއްވާ ބޭފުޅުން ވެސް އެބަ ތިއްބެވި. ބައެއް ފަހަރު އެބަހުރި ވަރަށް ހައި ރިސްކު މީހުންނާ ދިމާވެފަ ވެސް އެ މައުލޫމާތު ނުދެއްވަ ތިއްބަވާ ބޭފުޅުން. ހައި ރިސްކު ތަންތަނަށް ވަޑައިގެން ވެސް ވެސް އެ މައުލޫމާތު ނުދެއްވާ ބޭފުޅުން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިކަމުގެ ސަބަބުން އިތުރު ބަޔަކު ބައްޔަށް ހުށަހެޅުމުގެ މަގުފަހިވެގެންދާނެ ކަމަށާއި އަދި ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތް ވެސް ފުރިހަމައަށް އަދާ ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ކޮންޓެކްޓް ޓްރޭސިން އަށް ފުރިހަމަ، ރަނގަޅު މައުލޫމާތު ދެއްވުމަށް ޑޮކްޓަރު ވަނީ އެދިވަޑައިގެންފައެވެ.