ބޮލީވުޑްގެ މަޝްހޫރު ބަތަލާ ބަނުރޭކާ ގަނެސަން (ރޭކާ)ގެ ބަންގްލޯގައި ސެކިއުރިޓީ ގާޑަކަށް ހުންނަ މީހަކު ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މުމްބާއީގެ ބާންޑްރާގައި ހުންނަ ރޭކާގެ ސީސްޕްރިންގްސް ކިޔާ ބަންގްލޯގައި ސެކިއުރިޓީ ގާޑަކަށް މަސައްކަތް ކުރާ މީހަކު ކޯވިޑް 19 އަށް ޕޮޒިޓިވް ވެގެން އަންނަނީ ފަރުވާ ހޯދަންނެވެ. މިކަމާ ގުޅޭގޮތުން އަދި މިހާތަނަށް ރޭކާގެ ބަހެއް ލިބިފައި ނުވިނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ދިރިއުޅެމުން އަންނަ ބަންގްލޯ މިހާރު ވަނީ ޑިސްއިންފެކްޓް ވެސް ކޮށްފައެވެ.

އުމުރުން 65 އަހަރުގެ މަޝްހޫރު ރޭކާ ވަނީ އޭނާގެ ޒުވާން ދުވަސްވަރު ކާމިޔާބު އެތައް ފިލްމުތަކެއް ކުޅެފައެވެ. އެގޮތުން 180 އަށްވުރެ ގިނަ ހިންދީ ފިލްމު ރޭކާ ކުޅެފައިވާއިރު އޭނާއަށް ވަނީ އެ ދާއިރާއިން ގިނަ އެވޯޑުތަކެއް ވެސް ލިބިފަ އެވެ.

ރޭކާގެ ގޭގެ ސެކިއުރިޓީ ގާޑަކު ކޮވިޑަށް ޕޮޒިޓިވް ވީ އިރު، މުޅި ދުނިޔޭގައި ވެސް މިވަގުތު ކޮވިޑް 19 އެންމެ ބާރަށް ފެތުރެމުން އަންނަ ގައުމަކީ އިންޑިއާ އެވެ.