ނަމާދަށް ސަފުހެދުމުގައި ސޯޝަލް ޑިސްޓަންސް ބަހައްޓަން ޖެހޭ ސަބަބެއް ރާއްޖެއަކު ނެތް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ ރޭ ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން ހަމައެކަނި ނަމާދަށް ސަފު ހަދާއިރު ސޯޝަލް ޑިސްޓެންސިން ބަހައްޓައިގެން ނުފުދޭނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. އަދި ނަމާދަށް ސަފު ހަދަންވީ ގޮތް ސުންނަތުން ވަރަށް ސާފުކޮށް އެނގެން އޮތްކަން ޑރ. އިޔާޒު ފާހަގަ ކުރެއްވިއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ ކޮވިޑް 19ގެ ސަބަބުން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށްފަހު، ތިން މަސް ފަހުން އިއްޔެ މާލެ ސަރަހައްދުގައި ފުރަތަމަ ފަހަރަށް ހުކުރު ކޮށްފައިވަނިކޮށެވެ.

މާލޭގައި ކޮވިޑް 19 ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރުން މެދު ކަނޑާލީ، މިއަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުގެ އަސްރު ނަމާދުން ފެށިގެންނެވެ. އޭގެ ފަހުން މިމަހު އެއްވަނަ ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އެހެން ނަމަވެސް ޖަމާއަތުގައި ފުރަތަމަ ހުކުރު ނަމާދުކޮށްފައި ވަނީ އިއްޔެ އެވެ. އިއްޔެ ކުރި ހުކުރު ނަމާދުގައި އިޖުތިމާއީ ގައިދުރުކަމެއް ނެތި ނަމާދު ކުރުމުގެ ސަބަބުން މީހުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.