ސްޕެނިޝް ލަ ލީގާގައި ރޭ ރެއާލް މެޑްރިޑާއި އަލަވޭސް ބައްދަލު ކުރި މެޗް 2-0 ގެ ނަތީޖާ އަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ހޯދުމާއި ގާތަށް ޖެހިލައިފިއެވެ.

ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން މޮޅުވެ ރެއާލް މެޑްރިޑަށް ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ. ރެއާލް މެޑްރިޑާއި ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ލީގުގައި ބާކީ ތިން މެޗް އޮތް އިރު އޭގެ ތެރެއިން ދެ މެޗް ރެއާލުން ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް ލީގު ކަށަވަރު ވާނެ އެވެ.

ރޭގެ މެޗުގެ ކުރީ ކޮޅު އަލަވެސް އަށް ކުޅެމުން އަންނަ ހޮސޭލޫ ގޯލާ އަމާޒުކޮށް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އެ ޓީމުގެ ލޫކަސް ޕެރޭޒް އަލުން ގޯލަށް ފޮނުވާލުމުން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވެރޭން ވަނީ ގޯލް ރޮނގުމަތިން ދިފާއުކޮށްފަ އެވެ. ރޭ އަލަވެސް އިން ވަނީ މެޗްގައި ރެއާލް އިން ލީޑް ނެގުމުގެ ކުރިން އެ ޓީމްގެ ގޯލަށް ބޯޅައެއް ވައްދާލަން ރަނގަޅު ފުރުސަތު ތަކެއް އަލަވޭސް އިން ތަނަވަސް ކުރިއެވެ.

ރެއާލް މެޑްރިޑުން ލީޑް ނަގައިފައިވަނީ މެޗްގެ 11 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. ރެއާލްގެ ފާލަން މެންޑީ އަށް އަލަވެސް ގެ ޑިފެންޑަރު ޒީމޯ ނަވާރޯ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ގޯލަކަށް ބަދަލުކޮށްލީ މި ސީޒަންގައި ރެއާލް އަށް ގިނަ ގޯލްތަކެއް ޖަހައިދެމުން އަންނަ ފްރާންސްގެ ތަޖްރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ އެވެ. މިއީ ބެންޒެމާ މި ސީޒަންގައި ލީގުގައި ކާމިޔާބުކުރި 18 ވަނަ ގޯލެވެ.

ރެއާލް އިން މެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑަކީ މެޗްގެ 50 ވަނަ މިނެޓްގައި ފުރަތަމަ ލަނޑު ކާމިޔާބު ކުރި ބެންޒެމާ ދިން ބޯޅައަކުން ސްޕެއިންގެ މިޑްފީލްޑަރު މާކޯ އަސެންސިއޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑު އޮފްސައިޑް ކަމަށް ރެފްރީ ފުރަތަމަ ނިންމި ނަމަވެސް ވީއޭއާރު ބެލުމަށްފަހު އެ ނިންމުން ވަނީ ފަހުން ބަދަލުކޮށްފަ އެވެ.

ރެއާލް މެޑްރިޑް ލީގު ޗެމްޕިއަންކަން ހޯދުމާއި ގާތަށް ޖެހިލާފައިވާއިރު އެޓީމަށް އެންމެ ފަހުން ޗެމްޕިއަން ކަން ލިބިފައި ވަނީ 2017 ވަނަ އަހަރު މިހާރުގެ ކޯޗް ޒިނެޑިން ޒިދާންގެ ކޯޗުކަމުގެ ދަށުންނެވެ.