މިދިޔަ 24 ގަޑިއިރު ތެރޭ 64 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 2553 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެއްސަކާއި ބަންގުލަދޭޝްގެ 17 މީހަކާއި އިންޑިއާގެ ދެ މީހަކާއި ނޭޕާލުގެ މީހެއް ކަމަށެވެ.
އެ އަދަދާއެކު މިމަހު އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހަކީ މިއަދެވެ. މީގެ ކުރިން އެންމެ ގިނަ އަދަދަކަށް ބައްޔަށް މީހުން ޕޮޒިޓިވްވީ އިއްޔެއެވެ. އެއީ 36 ޕޮޒިޓިވް ކޭސްއެވެ. އޭގެ ކުރިން މިމަހުގެ ތެރޭގައި 30 ކޭސްއަށް ވުރެ ގިނައިން ފެނިފައެއް ނުވެއެވެ.
އެޗްޕީއޭ އިން ބުނީ، ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 11 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. ބަލިން ފަސޭހަވީ މީހުންގެ އަދަދު 2238 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 361 މީހަކަށެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 97 މީހަކު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 300 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ އަށް ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19