ޖިންސީ ގޯނާގެ މައްސަލަތައް ތަފާތުކުރުމެއް ނެތި ބައްލަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ޝުކުރު އަދާކޮށް، ތައުރީފުކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ ފަރާތުން ޖިންސީ ފުރައްސާރައާ ކުރިމަތިވި ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިނަމަވެސް މިއަދާ ހަމައަށްވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ބުނެ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި މުވައްޒަފު ކުރި ޓްވީޓަކަށް ރިލްޕައި ދެއްވަމުން ކޮމިޝަނަރު ހަމީދު ވަނީ އެ މައްސަލަ ފުލުހުންގެ ޓީމަކުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ކޮމިޝަނަރު ހަމީދުގެ ޓުވީޓު ރީޓުވީޓު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލަތައް ފުރިހަމައަށް ބައްދަލަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެކަމުގައި ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް އެބައޮތް ކަމަށެވެ.

"ޝުކުރިއްޔާ ސީޕީ، ތަފާތުކުރުމެއްނެތި، ޖިންސީ ގޯނާގެ ހުރިހާ މައްސަލައެއް ބައްލަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިފަހަކަށް އައިސް ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ މަތީ ފަޑީގެ ބައެއް ބޭފުޅުންނާ ގުޅޭ މައްސަލަތައް ވެސް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނަވައި އެ މިނިސްޓްރީގެ އެތައް މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މިނިސްޓަރުކަމުން އަލީ ވަހީދު ވަނީ މިފަހުން ދުރުކޮށްފައެވެ. އަދި އަލީ ވަހީދުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުވެސް ކުރަމުންނެވެ.