ދަރުމަވަންތަ ސްކޫލްގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިއަދު ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ދަރުމަވަންތަ ސްކޫލްގެ މުވައްޒަފެއް ހިމެނޭ ކަމަށެވެ. އަދި އެ މުވައްޒަފު ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ދަރުމަވަންތަ ސްކޫލުގެ ސްޓާފެއްވެސް މިއަދުގެ ކޭސްތަކުގެ ތެރެއިން ފާހަގަކުރެވިފައިވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ ކުރިން ހުރަވީ ސްކޫލްގެ ސީނިއާ މެނޭޖުމެންޓުގައި ހިމެނޭ ބޭފުޅެއްވެސް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެ ކޭސްއާ ގުޅިގެން އެ ސްކޫލްގެ ތިން ސްޓާފެއް ވަނީ ކަރަންޓީން ކޮށްފައެވެ.

ހުރަވީ ސްކޫލާއި ދަރުމަވަންތަ ސްކޫލްގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު ކޮވިޑާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި ބޭއްވުމަށް ފަހު މާލޭ ސަރަހައްދުގެ ބައެއް ގްރޭޑްތަކަށް ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކިޔަވުން ފަށައިފައެވެ. އެގޮތުން ކިޔެވުން ފަށާފައިވަނީ ގްރޭޑް 9 އިން ފެށިގެން 12ގެ ދަރިވަރުންގެއެވެ. ބަލި ނެތް ރަށްރަށުގެ ސްކޫލުތަކުގައިވެސް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ ކިޔަވައިދޭން ފަށައިފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހުންނާއި އިންޑިއާގެ މީހެކެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2553 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2227 އަށް އަރައިފައެވެ.