ޕްރޮގްރެސިވް ކޯލިޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ ނުފެންނަނީ ސަރުކާރުގެ މުއައްސަސާތައް ފެއިލްވެފައިވުމުން ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިފަދައިން ވިދާޅުވީ، ރޭޕްގެ މައްސަލަތަކާއި ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވާލެއް އިތުރުވުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން ހީނާ ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ޕީޕީއެމްގެ ޒިންމާއަކީ ސަރުކާރު ޒިންމާދާރުކުރުން ކަމަށާއި އެކަން ޕީޕީއެމުން އަބަދުވެސް ކުރާނެ ކަމަށެވެ. ނަމަވެސް ސަރުކާރު ޒިންމާދާރު ކުރަން ކުރާ މަސައްކަތްތަކުގެ ނަތީޖާ ނުފެންނަނީ މި ސަރުކާރުގެ މުއައްސަސާތައް ފެއިލްވެފައިވުމުން ކަމަށް ހީނާ ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ މިވަގުތު އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ޒިންމާއަކީ މިގޮތަށް ކުރިމަތިވާ ކޮންމެ ކަމެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން. އެގޮތުން ހަމައެކަނި ނޫސްބަޔާނެއް ނޫން އަޅުގަނޑުމެން ނެރެނީކީއެއް. އަޅުގަނޑުމެން މަގުމައްޗަށްވެސް ނުކުންނާނަން. އަދި ކަމާބެހޭ އިދާރާތަކާވެސް ބައްދަލުކުރާނަން،" ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހީނާ ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ފުރައްސާރައިގެ މައްސަލަތައް އިތުރުވަމުންދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ މައްސަލަތައް ސަރުކާރުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ނަގާ ތަން ނުފެންނަ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ، ޖިންސީ ގޯނާ ފަދަ ހައްސާސީ މައްސަލަތަކުގައި ސަރުކާރުން އިސްވެ ފިޔަވަޅު އަޅާތަން ނުފެންނަ ކަމަށާއި މުޅިންވެސް ފެންނަނީ އާންމުން އެކަމާ ނުރުހުން ފާޅުކޮށް ޕްރެސަރު ކުރަން ފެށުމުން ފިޔަވަޅުތައް އަޅަން އުޅޭ މަންޒަރު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު