މޫސުމީ ބަދަލުތަކާއި ސައިކޯ-ސޯޝަލް ސަޕޯޓް ދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ ދެ ޕްރޮޖެކްޓެއްގައި ދިވެހި ސަރުކާރާއި އދ. އިން ސޮއިކޮށްފިއެވެ.

އިއްޔެ ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި ޑޮކިއުމެންޓްތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އަދި އދ. ގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރު ކެތަރިން ހެސްވޯލެވެ.

ފޮރިން މިނިސްޓްރީން ބުނީ، މީގެ ތެރެއިން ފުރަތަމަ ޕްރޮޖެކްޓަކީ ޖޮއިންޓް އެސްޑީޖީ ފަންޑުން ހަރަދުކުރާ ޕްރޮޖެކްޓެކެވެ. އިންޓަގްރޭޓެޑް ނޭޝަނަލް ފައިނޭންސް ފްރޭމްވޯކް އެއް އޮޕަރޭޝަނަލައިޒް ކުރުމަށް ދެ އަހަރު ދުވަހުގެ މުއްދަތަށް ސަރުކާރާއި އދ.ގެ އެޖެންސީތަކާ އަދި މަދަނީ ޖަމިއްޔާތައް ގުޅިގެން ހިންގާ މި ޕްރޮޖެކްޓަށް 21.6 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިއީ މޫސުމީ ބަދަލުތަކާއި އިޖުތިމާއީ މުހިއްމު ކަންކަމަށް ފައިސާ ހަމަޖެއްސުމުގައި މާލީ ރޭވުންތެރިކަން އިތުރަށް ހަރުދަނާކުރުމަށް ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ.

ކޮވިޑުގެ ނުރައްކާ އޮތް އާބާދީއަށް ސައިކޯ-ސޯޝަލް ސަޕޯޓް ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ހިންގާ ޕްރޮޖެކްޓަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޔޫއެން ކޮވިޑް ރެސްޕޯންސް އެންޑް ރިކަވަރީ މަލްޓި-ޕާޓްނާ ޓްރަސްޓް ފަންޑުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ފަސް މަސް ދުވަހުގެ މުއްދަތަށް، ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގައި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުގަޔާއި ވަލްނަރަބަލް ކޮމިއުނިޓީއަށް ސައިކޯ-ސޯޝަލް ސަޕޯޓް ދިނުން އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކޮވިޑުގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި އދ.ގެ ފަރާތުން ފޯރުކޮށްދިން މި އެހީތެރިކަމަށް އެޖަމާއަތަށް ޝުކުރު އަދާކުރައްވައިފައެވެ.

އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރު ވަނީ ކޮވިޑުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގަޔާއި 2030 އެޖެންޑާ ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ހަލުވިކުރުމަށް އދ.ގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.