ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ހައި ކޯޓަށް ބަލައިގަންނަން ނިންމީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ.
ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގެނައި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. އަދި އެ ގޮނޑިތަކަށް ފިރިހެނުންނަށް ވާދައެއް ނުކުރެވޭނެއެވެ.
އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރަައީސް މޫސާ އަންވަރެވެ. އޭނާ އެ މައްސަލަ ފުރަތަމަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން އެ މައްސަލަ ބަލައި ނުގަނެ އޭނާއަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ އެފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ހައި ކޯޓަށް އޮންނަ ކަމަށެވެ.
މޫސާ އަންވަރު ހުށަހެޅި މައްސަލައިގައި ވަނީ، ގާނޫނުއަސާސީ އިސްލާހު ނުކޮށް، އާންމު ގާނޫނަކުން އިންތިހާބުގައި ވާދަކުރުމުގެ ހައްގު ނިގުޅައި ނުގަނެވޭނެ ކަމަށެވެ. އަދި ގާނޫނަށް އިސްލާހު ގެނެސްގެން ކައުންސިލްތަކުގެ ދައުރު ދިގު ދަންމާލަން ނިންމުމުން، ކައުންސިލްތަކުގެ ގޮނޑިތައް ހާއްސަކުރާ މައްސަލަ ވެސް ނިންމޭނެ ކަމަށް އޭނާ ވިދަޅުވިއެވެ.
ލޯކަލް ކައުންސިލްތައް ހަގީގީ މާނައިގައި ލާމަރުކަޒީކޮށް، މާލީ ބާރުވެރިކަން ދޭން ލާމަރުކަޒީ ގާނޫނަށް އިސްލާހުތައް ގެނެސްފައިވާއިރު އެ އިސްލާހުތަކާއެކު ފުރަތަމަ ބާއްވާ ކައުންސިލް އިންތިހާބުގައި 370 ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ.
މީގެ އިތުރުން ފަސް މެންބަރުން އިންތިހާބު ކުރާ ރަށު ކައުންސިލްތަކުން ދެ ގޮނޑި، އަދި ހަތް މެންބަރުން އިންތިހާބު ކުރާ ރަށު ކައުންސިލްތަކުން ތިން ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު