ރާއްޖޭގެ ކުޅިވަރުގެ ކަންކަން ކުރިއަރުވަން އުފައްދާފައިވާ، ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގައި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ފާސްކޮށްފިއެވެ.
ސްޕޯޓްސް ކޯޕަރޭޝަންގެ މައްސަލަޔަށް މަޝްވަރާ ކުރުމަށް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެ ހުށަހެޅުން ހުށަހެޅުއްވީ، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ.
ކޮމެޓީން އެގޮތަށް ނިންމީ ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ނިންމަވާފައިވާ ކަމަށް އެ ކޮމިޓީގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.
ހުށަހެޅުން ހުށަހަޅުއްވަމުން ނިހާދު ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަންގެ މައްސަލައިގައި، އިއްޔެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއެކު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، އެ ކޯޕަރޭޝަން އުވާލުމުގެ ވިސްނުން ގެންގުޅުއްވާކަން މިނިސްޓަރާއި މިނިސްޓްރީގެ ޓީމުގެ ވާހަކަތަކުން އެނގިފައިވާ ކަމަށެވެ.
ނަމަވެސް އެއީ ގާނޫނެއްގެ ދަށުން ހަދާފައިވާ ކުންފުންޏަކަށް ވާއިރު އެ ކުންފުނި ރަސްމީކޮށް އުވާލާއިރު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާއި ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެ ކޯޕަރޭޝަން އުވާލައްވަނީ ޕޮލިސީތަކަށް ބަދަލުތަކެއް އައިސްގެން ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށާއި އެހެން ކަމުން އެކަމުގައި ސަރުކާރުގެ ޕޮލިސީއަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށްވެސް މެންބަރު ނިހާދު ވިދާޅުވިއެވެ.
މި މައްސަލައިގައި ވާހަކަ ދައްކަވަމުން، ކޮމިޓީ މެންބަރު ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމު ވިދާޅުވީ، އެ މައްސަލައަށް ބަލާއިރު އެކަމުގައި ގާނޫނުން ޔޫތު މިނިސްޓްރީއާ މަތިކޮށްފައިވާ ޒިންމާ އަދާކޮށްފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ކޯޕަރޭޝަނަށް ދޭން ޖެހޭ މުދަލާއި އެހީތެރިކަން މިނިސްޓްރީން ނުދީ، ކޯޕަރޭޝަންގެ އަތްފައި ބަނދެފައި ބޭއްވުމަށްފަހު، މިނިސްޓަރު އެތަން އުވާލަން އުޅުމުގެ އަޑީގައި ފޮރުވިފައިވާ ކަމެއް އެބައޮތް ކަމަށެވެ. އެއީ ހެޔޮ ނިޔަތެއްގައި މިނިސްޓަރު ކުރައްވާ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، ކޮވިޑްގެ ތެރޭގައި، ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި، ގެއްލުންވާ ކުންފުނިތަކުގެ ލިސްޓަކަށް އެ ކޮމިޓީން ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އެފަހަރު ގެއްލުންވާ ކުންފުނިތަކުގެ ތެރޭގައި ސްޕޯޓްސް ކޯޕަރޭޝަން ފާހަގަކޮށްފައި އޮތް ނަމަވެސް، ސޯޝަލް ބެނެފިޓްތައް ހުރުމުން އެ ކުންފުންޏަކީ އުވާލަން ނުފެންނަ ކަމަށް ފިނޭންސް މިނިސްޓަރު ނިންމާފައިވާ ކުންފުންޏެއް ކަމަށެވެ.
އިލިޔާސް ލަބީބު ވިދާޅުވީ، ރައްޔިތުންގެ ހިދުމަތްތަކާ ގުޅުހުރި ބައެއް ކުންފުނިތައް ފައިދާ ނުވިޔަސް އުވައި ނުލުމަށް އޭރު މިނިސްޓަރު ނިންމެވި ކަމަށެވެ.
އެހެންކަމުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރީ އެ ކޯޕަރޭޝަންގެ ކަންތައްތަކުގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ސީޓީ ފޮނުވައިގެން އެކަމުގައި ސަރުކާރުގެ ސިޔާސަތު އޮޅުން ފިލުވުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީ