އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓަ ސިޓީ ބައްދަލު ކުރި މެޗް 5-0 ގެ ނަތީޖާ އަކުން ސިޓީން ކާމިޔާބު ކޮށްފިއެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗް ޑޮމިނޭޓް ކޮށްގެން ކުޅުނީ ސިޓީންނެވެ. ރޭގެ މެޗުގައި ނިއުކާސަލް ކޮޅަށް ސިޓީން ޖެހި ފުރަތަމަ ގޯލް މެޗްގެ 12 ވަނަ މިނެޓުގައި ކާމިޔާބުކުރީ ގެބްރިއެލް ޖެސުސްއެވެ. ގެބްރިއެލް ގޯލް ކާމިޔާބު ކުރިތާ ނުވަ މިނެޓް ފަހުން މެޗުގެ 21 ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ގޯލް ކެވިން ޑެބްރައިންގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްދިނީ ރިޔާދް މަހްރޭޒްއެވެ.
ސިޓީގެ ތިންވަނަ ގޯލަކީ ނިއުކާސަލްގެ ޑިފެންޑަރު ފެޑެރީކޯ ފާނަންޑޭސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސިޓީގެ ހަތަރުވަނަ ގޯލް މެޗްގެ 65 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ ކާމިޔާބުކުރި އިރު މެޗްގެ އިތުރު ވަގުތުގައި ސިލްވާ ދިން ބޯޅައަކުން އެޓީމްގެ ފަސްވަނަ ގޯލް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ.
ރޭގެ މެޗްގައި ސިޓީގެ އަލްޖީރިއާ ފޯވަޑް މަހްރޭޒް ވަނީ ތާރީހުގެ ތެރެއަށް ވަދެފައެވެ. އޭނާ ކާމިޔާބުކުރި ގޯލާއެކު މި ސީޒަންގައި އެ ޓީމްގެ ފަސް ކުޅުންތެރިޔަކު ވަނީ މަދުވެގެން 10 ގޯލް ލީގުގައި ކާމިޔާބުކޮށްފައެވެ. މިއީ 1984 ގައި މި ކާމިޔާބީ ހޯދި އެވަޓަން އަށްފަހު ޕްރިމިއަ ލީގް ސީޒަނެއްގައި ޓީމެއްގެ ތަފާތު ފަސް ކުޅުންތެރިޔަކު 10 ގޯލް ފަހަނައަޅައިދިޔަ ފުރަތަމަ ފަހަރެވެ.
އެކުޅުންތެރިންނަކީ 16 ގޯލް ޖަހާފައިވާ ސާޖިއޯ އަގުއެރޯ، 13 ގޯލާއެކު ރަހީމް ސްޓާލިންގް، 11 ގޯލާއެކު ކެވިން ޑެބްރައިން، 11 ގޯލާއެކު ގެބްރިއެލް ޖެސުސް އަދި 10 ގޯލް ކާމިޔާބުކޮށްފައިވާ މަހްރޭޒްއެވެ.
މި މޮޅާއެކު ސިޓީން ތާވަލުގެ ދެވަނައިގައި 34 މެޗުން 69 ޕޮއިންޓް ހޯދާފައިވާއިރު އެއްވަނައިގައި ޗެމްޕިއަން ލިވަޕޫލް އޮތީ 33 މެޗުން 89 ޕޮއިންޓް ހޯދައިގެންނެވެ. ރޭ ސިޓީ އަތުން ބަލިވި ނިއުކާސަލް އޮތީ 43 ޕޮއިންޓާއެކު 13 ވަނައިގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު