މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ގާއިމް ކުރެވިފައިވާ މިންވަރު ބެލުމަށް ހާއްސަ ހަރަކާތްތަކެއް ވީއައިއޭގައި ކުރިޔަށް ގެންގޮސްފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ރައީސް އޮފީހާއި، ކަމާބެހޭ އެހެން އިދާރާތައް ގުޅިގެން ވީއައިއޭގައި ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އެ ހަރަކާތްތަކަކީ މިމަހުގެ 15 ވަނަ ދުވަހު ބޯޑަރުތައް ހުޅުވާލާއިރު އެއާޕޯޓުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ދެނެގަތުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކެއް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
އެމްއޭސީއެލްއިން މީގެ ކުރިން ބުނީ ބޯޑަރުތައް ހުޅުވާލުމާއެކު ފުރަތަމަ ދުވަސްކޮޅުގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު އިންޓަނޭޝަނަލް 10 ފްލައިޓު ރާއްޖެ އަންނާނެ ކަމަށެވެ. އަދި ބޯޑަރުތައް ހުޅުވާލާއިރު އެއާޕޯޓު އޮތީ އެކަމަށް ފުރިހަމަޔަށް ތައްޔާރުކުރެވިފައި ކަމަށްވެސް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.
ބޯޑަރުތައް ހުޅުވާލާއިރު ރާއްޖެ އަންނަ މީހުން އަމަލުކުރަން ޖެހޭ ހާއްސަ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރު ވަނީ އާންމުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު