ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.

މިނިސްޓަރު އަލީ ވަހީދު އިސްތިއުފާދެއްވުމަށް ރައީސް އަންގަވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

ހޫދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސްއަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން މިނިސްޓަރުކަމުން އިސްތިއުފާދިނުމަށް އަލީ ވަހީދަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

އަލީ ވަހީދާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ރައީސް ސޯލިހަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ ކޮން މައްސަލައެއްކަން ހޫދު ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް "ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ ވަހީދާ ގުޅޭގޮތުން އެ މުވައްޒަފުން ހުށަހަޅާފައިވަނީ ޖިންސީ ގޯނާގެ މައްސަލައެކެވެ.

އަލީ ވަހީދަކީ މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރެވެ. އަލީ ވަހީދަށް އެމަގާމު ލިބިވަޑައިގެންނެވީ ސަރުކާރު ހިންގާ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. ޖޭޕީގެ ރައީސަކީ އަލީ ވަހީދެވެ.