ޝައްކެއްވެސް ނެތެވެ. ދިވެހިންނަށް ލިބިފައި އޮތީ ވަރަށް މުއްސަނދި ސަގާފަތެކެވެ. ދިވެހިރާއްޖެއަށް ލިބިފައި އޮތް މުއްސަނދި ސަގާފަތާއި އާދަކާދައަކީ މިއަދުވެސް އަހަރެމެން ފަހުރުވެރިވާ ސަގާފަތެކެވެ. ކާބަފައިން އެ ޒަމާނުގައި ކެއިންބުއިމަށް ބޭނުން ކުރި ތަކެއްޗަކީ މިއަދުވެސް ދިވެހިންގެ ހިތްތަކާއި ގުޅިފަައިވާ ކާބޯތަކެއްޗެވެ. އޭރުގެ ދިރިއުޅުމުގެ އަދާކާދަތަކާއި ވައްޓަފާޅި ނެތިގެން ދިޔަ ނަމަވެސް އޭރުގެ ރަހަތައް އަދިވެސް ދިވެހިންގެ ތެރޭގައި ދިރި އެބަހުއްޓެވެ. ކާބަފައިންގެ ދުވަސްވަރު އެމީހުން އުޅުނީ ކާބޯތަކެތި ހޯދުމަށް އެކުވެރި އެހެން ގައުމުތަކަށް ބަރޯސާ ވެގެންނެއް ނޫނެވެ. އޭގެ ބަދަލުގައި ކާނެ އެއްޗެހި ހޯދީ ރާއްޖޭގެ މާހައުލުންނެވެ.
ދިވެހި ރާއްޖެއަކީ ކިތަންމެ ކުޑަ އަދި ބާރުގެ ގޮތުން ދެރަ ގައުމަކަށް ވީ ނަމަވެސް ގަދަ ކީރިތިވަންތަ އިލާހު ވަނީ މިބިން ރޯދިން ފުރައިފައެވެ. ރުކަކީ އޭގެ މިސާލެކެވެ. ރުކު ރާ ކައްކައިގެން އޮލަ ކުރުމަށްފަހު ތައްޔާރުކުރާ ކަރުހަކުރަކީ ދިވެހިންގެ ދިރިއުޅުމާއި ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. ކަރުހަކުރަކީ ކާބަފައިން އޭރު ކެއުމަށް ބޭނުން ކުރި އެއްޗެކެވެ. ކަރުހަކުރަކީ މިއަދުވެސް ރޮއްޓާއި ނުވަތަ ޕާނާއި ޖައްސައިގެން ކެއުމަށް އެވަރެއް ނެތް އެއްޗެކެވެ. މިހާރު މިހުންނަ ތައްޔާރީ ކާނާތަކަށްވުރެ މާބޮޑަށްވެސް މީރުވާނެއެވެ.
ކަރުހަކުރު ތައްޔާރުކުރާ ގޮތަށް ކުޑަކޮށް ބަލައިލަމާ ހިނގާށެވެ. ކޮންމެ ދުވަހަކު ފަތިހާއި އިރުއޮއްސޭ ގަޑީގައި ބަދި ހިފައިގެން ރުކަށް އަރައިގެން ރާ ނެގުމަށްފަހު އެ ފުރާނާނީއެވެ. ފުރޭނުމަށްފަހު ދެދުވަސް ވަންދެން އޮލަ ކުރުމަށްފަހު ހަކުރަށް ވަންދެން ހިލާނީއެވެ. ދިވެހި ކަރުހަކުރު ހުންނަ ގޮތް ނޭނގޭ މީހަކު ހަމަގައިމުވެސް ވަރަށް މަދުވާނެއެވެ. ކަރުހަކުރު ތައްޔާރު ކުރުމަކީ އެހާ ފަސޭހަ މަސައްކަތެއް ނޫނެވެ. ހަގީގަތުގައި އެއީ ވަރަށް ބުރަ އަދި ގިނަ ދުވަސް ހޭދަވާ މަސައްކަތެކެވެ.
ކަރުހަކުރު ހިލައި ނިމުމުން އެ ހިލި ތާހުގައި ހުންނަ ބާކީ ބައި ކެއުމަށް އަހަރެންވެސް ކުޑައިރު ވަރަށް ފޯރި ހުރެއެވެ. ކާފަ ހަކުރު ހިލާ ގަޑިއަށް ކޮންމެހެން ހަދާފައިވެސް އެތަނަށް ދާން ބޭނުންވެއެވެ. ކާފަ ހަކުރު ހިލަން އިންނަ ގަޑީގައި ތާސް ކައިރިން ސަމުސަލުން ދިޔާ ހަކުރު ނަގައިގެން ރޮއްޓާ ޖަހައިގެން ކެއުމަކީ އަހަރެން އޭރު ވަރަށް ގިނައިން ކުރި ކަމެކެވެ. މިހާރު ކައި މިއުޅޭ ޕިއްޒާއާއި ސަބްމެރިންއަށްވުރެ ކަރުހަކުރާއި ރޮއްޓާ ޖައްސައިގެން ކާން މާ ބޮޑަށް ވެސް މީރެވެ.
ކަރު ހަކުރު އެކަންޏެއް ނޫނެވެ. ރުކު ރަލަކީ ވެސް ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ބުއިމެކެވެ. ރުކުރަލުން ލާނީ ހުތް ފޮނި ރަހައެކެވެ. ބައެއް ދުވަސްދުވަހު ވަރަށް ފޮނި ރަހަވެސް ލާނެއެވެ. ރުކުން ރާ ނެގުމަށްފަހު އެ ފުރައިނާލައިގެން ވަގުތުން ބުއިމުން އަދި އިތުރަށް ރަހަ ތާޒާވެފައި މީރުވާނެއެވެ. އަހަރެމެން މިބޮއެ އުޅޭ އެނާޖީ ޑްރިންކްތަކަށްވުރެ ރުކުރާ މާ މީރެވެ. ހަށިގަނޑަށް މާ ފައިދާވެސް ލިބޭނެއެވެ.
ކުރީގައި ހެނދުނު ނާސްތާއަށް ކަރުހަކުރާއި ރޮށި ކޭ ދުވަސް މިއަދު މިވަނީ މާޒީވެގެން ގޮސްފައެވެ. ހިތާމައަކީ ކަރުހަކުރު ތައްޔާރުކުރަން އެނގޭ މީހުންގެ އަދަދު އަހަރެމެންގެ ދިވެހިންގެ ތެރޭގައި މިއަދު ވަރަށްވެސް މަދު ކަމެވެ. ދިވެހި ޒުވާނުންނަށް އެއީ ކޮން އްޗެއްކަން ވެސް ނޭނގޭ ހިސާބަށް ދާތީއެވެ. އަދުގެ ޒުވާނުންނަށް ކަރުހަކުރާއި ރޮށި ޗީ ވެދާނެއެވެ. އެހެންނަމަވެސް ދެބަސް ނުވެވޭނެ ހަގީގަތަކީ މިއަދުވެސް ރޮއްޓާ އެކީ ޖައްސައިގެން ތިކާ އެކި ކަހަލަ ކްރަމްޕީ އާއި ޖޭމަށްވުރެ ދިވެހި ކަރުހަކުރާއި ޖައްސައިގެން ކާން މާ މީރުވާނެ ކަމެވެ. އަޖުމަ ބަލައިލާށެވެ.
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް