އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ، ޗެލްސީން ކްރިސްޓަލް ޕެލަސް އާ ބައްދަލު ކުރި މެޗް، 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށް ތާވަލުގެ ތިންވަނަ އަށް ޗެލްސީން ޖެހިލައިފިއެވެ.
ޕޮއިންޓް ތާވަލަށް ބަލާއިރު ލީގު ހޯދާފައިވާ ލިވަޕޫލްގެ ފަހަތުން ދެވަނަ 33 މެޗުން 66 ޕޮއިންޓާއި އެކު މެންޗެސްޓާ ސިޓީން ހޯދާފައިވާއިރު، ރޭގެ މެޗުން މޮޅުވެ ޗެލްސީ ތިންވަނައިގައި އޮތީ 34 މެޗް ކުޅެ 60 ޕޮއިންޓާއި އެކު އެވެ. ރޭ އާސެނަލް އަތުން އެއްވަރު ވި ލެސްޓާ ސިޓީ 34 މެޗުން 59 ޕޮއިންޓާއި އެކު އެޓީމުވަނީ ތާވަލުގެ ހަތަރުވަނަ އަށް ވެއްޓިފައެވެ. މެންޗެސްޓާ ޔުނައިޓެޑް ފަސްވަނައިގައި އޮތީ 33 މެޗުން 55 ޕޮއިންޓާއި އެކު އެވެ.
ރާއްޖޭ ގަޑިން ރޭ 10:00 ގައި ޗެލްސީ އާއި ކްރިސްޓަލް ޕެލަސް ކުޅުނު މެޗްގެ ފުރަތަމަ ގޯލް ޗެލްސީން ކާމިޔާބު ކޮށްފައިވަނީ މެޗް ފެށިގެން ހަ ވަނަ މިނެޓުގައި އެޓީމުގެ އޮލިވިއާ ޖިރޫޑް އެވެ. އޭނާ މިލަނޑު ކާމިޔާބު ކޮށްދިނީ ވިލިއަންގެ އެހީތެރިކަމާ އެކު އެވެ. ޗެލްސީގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ މެޗްގެ 27 ވަނަ މިނެޓުގައެވެ. އެލަނޑުވެސް ޖެހުމުގެ އިސްދައުރެއް އަދާކޮށްދިނީ ވިލިއަން އެވެ. ވިލިއަންގެ އެހީތެރިކަމާ އެކު ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން ޕްލިސިޗް އެވެ.
ޗެލްސީން ދެވަނަ ލަނޑު ޖެހިތާ ހަތް މިނެޓް ފަހުން، މެޗްގެ 34 ވަނަ މިނެޓުގައި ކްރިސްޓަލް ޕެލަސް އިން ވަނީ އެމީހުންގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްފައެވެ. އެ ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ވިލްފްރިޑް ޒަހާ އެވެ. ފުރަތަމަ ހާފް ނިމުނީ 2-1 ގެ ނަތީޖާއަކުން ޗެލްސީ ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން މެޗްގެ 71 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލީޑް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ޓަމީ އަބްރަހަމް އެވެ. ޗެލްސީން މި ލަނޑު ކާމިޔާބު ކުރިތާ އެއް މިނެޓު ފަހުން ކްރިސްޓަލް ޕެލަސް އިންވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓަލް ޕެލަސްގެ ކްރިސްޓިއަން ބެންޓެކޭއެވެ. އޭނާ މިލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ ޕެޓްރިކް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ރޭގެ މެޗް ޑޮމިނޭޓް ކޮށްގެން ކުޅެ ޗެލްސީން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު