ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2026 ގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރަން ކުރިންވެސް ސާފުން އޮތީ ނިންމައިފައެވެ. މިއީ މުބާރާތުގެ ތާރީހުގައިވެސް ވީއޭއާރް ބޭނުންކުރާނެ ފުރަތަމަ ފަހަރެވެ. ސާފުން ކުރިން ބުނީ މުބާރާތުގައި ބޭނުން ކުރާނީ ވީއޭއާރް ލައިޓް ކަމަށެވެ. އެއީވެސް ފީފާއާއި އައިފެބްއިން ހުއްދަ ދީފައިވާ ޓެކްނޮލޮޖީއެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައިވެސް ވީއޭއާރް ބޭނުންކުރާ ގޮތަށް ފުރަތަމަ އޮތް ނަމަވެސް، ސާފުން ފަހުން ނިންމާފައިވަނީ ސެމީ ފައިނަލް މެޗުތަކުން ފެށިގެން ވީއޭއާރް ބޭނުން ކުރުމަށެވެ. އެކަން އިއްޔެ ރަސްމީކޮށް އިއުލާނުވެސް ކޮށްފައިވެއެވެ. ސާފުން ބުނީ ވީއޭއާރް ބޭނުން ކުރަން ފެށުމަކީ ދެކުނު އޭޝިއާގެ ފުޓުބޯޅަ ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ އިންގިލާބީ ކުރިއެރުމެއް ކަމަށެވެ.
ސާފުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިފަހަރު މުބާރާތުގައި ވީއޭއާރް ބޭނުންކުރަން ފުރުސަތު ފަހިވެފައިވަނީ އެކަމަށް އާސިއާން ފުޓުބޯޅަ އިދާރާ އާއި ސާފުން ކުރި މަސައްކަތުންނެވެ. އެ މަސައްކަތް މިފަހަރު މުބާރާތުގައި ކުރާނީ ފީފާ ސެޓިފައިޑް ސްޕެއިންގެ ކުންފުންޏެއްގެ އެހީގައި ކަމަށްވެސް ސާފުން ބުނެފައިވެއެވެ. އަދި ސާފުން ބުނީ މި މުބާރާތުގައި ބޭނުންކުރާ ވީއޭއާރް ސިސްޓަމްގެ ސެންޓްރަލް އޮޕަރޭޝަންސް ހިނގާނީ ތައިލެންޑްގައި ކަމަށެވެ.
ސާފުން ބޭނުން ކުރަނީ ރިމޯޓް ވީއޭއާރް މޮޑެލަކަށްވީ އިރު، ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި މެޗުތައް ހިނގަމުންދާ ވަގުތު، ލައިވް ފުޓޭޖްތައް ތައިލެންޑްގެ ހަބަށް ފޮނުވަމުންދާނެއެވެ. އެ ހަބްގައި ރެފްރީއަށް އެހީތެރިވާން ފުޓޭޖްތައް ބަލަމުންދާ ސެޓިފައިޑް ވީއޭއާރް އޮފިޝަލުން ކަމަށްވެސް ސާފުން ބުނެއެވެ. އަދި ކަމެއް ހިނގައިފި ހާލަތެއްގައި އައިފެބްގެ ވީއޭއާރް ޕްރޮޓޮކޯލްގެ ދަށުން ގޮތް ނިންމަން ފުރިހަމައަށް ތައްޔާރުވެ، ރެފްރީންނާއި ތައިލެންޑްގެ ހަބާ ފުރިހަމައަށް ގުޅިފައި ހުންނާނެ ކަމަށްވެސް ސާފުން ބުންޏެވެ.
ވީއޭއާރް ފުރަތަމަ ފަހަރަށް ބޭނުންކުރަން ސާފުން މަސައްކަތް ކުރާ އިރު، ރެފްރީ ރިވިއު އޭރިއާ (އާރްއާރްއާ) އާއި ޓެކްނިކަލް އޮޕަރޭޝަންސް ޓީމް އޭރިއާ މޮނިޓާ (ޓީއޯޓީއޭއެމް) ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި މިހާރު ގާއިމުކުރަމުންދާ ކަމަށްވެސް ސާފުން ބުނެފައިވެއެވެ. އަދި އެ މަސައްކަތް ކުރާނީ ޓެކްނިކަލް ތަޖުރިބާކާރުން ކަމަށްވެސް ސާފުން ބުނެފައިވެއެވެ.
ވީއޭއާރް ބޭނުންކުރާ މެޗުތަކުގައި ތިބޭނީ އެކަމަށް ހާއްސަ ތަމްރީނުތައް ފުރިހަމަކޮށްފައިވާ ރެފްރީން ކަމަށްވެސް ސާފުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ސާފްގެ ޖެނެރަލް ސެކްރެޓަރީ ޕުރުޝޮޓަމް ކަޓޭލް ވިދާޅުވީ ވީއޭއާރް ބޭނުންކުރަން ފެށުމަކީ ދެކުނު އޭޝިއާ ފުޓުބޯޅައަށް އިންގިލާބީ ބަދަލެއް ކަމަށާއި، ސާފް ޕްރޮފެޝަނަލް ސްޓޭންޑާޑަަކަށް ގެންދަން މިހާރު ގެންނަ ބަދަލު އެހީތެރިވެދޭނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ޒަމާނީ ފުޓުބޯޅައިގައި ވީއޭއާރަކީ މުހިއްމު ބައެއް ކަމަށާއި، ވީއޭއާރްގެ ސަބަބުން ނިންމުންތައް އިންސާފުވެރިވެ، މުބާރާތުގެ އަގު ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށެވެ. ކަޓޭލް ވިދާޅުވީ ވީއޭއާރް ޓެކްނޮލޮޖީގެ ސަބަބުން ދެކުނު އޭޝީއާގެ ފުޓުބޯޅައިގައި ޓެކްނޮލޮޖީ ބޭނުންކުރުން އިތުރު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް