ރައްޔިތުންގެ އަޑު އެހުމަށް ދިމާއެނދުގައި އޮންނަން ޖެހިވަޑައިގަތަސް އެކަންވެސް ކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 169 ވަނަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ސަރުކާރުން ވެފެއިވާ ވައުދުތައް މި ސަރުކާރުން ފުއްދައިދޭނެ ކަމަށެވެ. ހާއްސަކޮށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވީ ވައުދު ރަނުން ރަނަށް ފުއްދައިދޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑުގެ ސަބަބުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭން މަޑުޖެހިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެހުމަށް ރައްޔިތުންގެ ކައިރިއަށް ނުދެވޭނެ ހާލަތެއް މެދުވެރިވެފައިވާ ކަމަށާއި ނަމަވެސް މިހާލަތުގައިވެސް ރައްޔިތުންގެ ޝަކުވާ އަޑުއިވޭ ވަރު މަދު ނޫން ކަމަށެވެ. އެހެންކަމުން ކޮވިޑުގެ ހާލަތުން އަރައިގަނެވުނުހާ އަވަހަކަށް ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ދިމާއެނދުގައި އޮންނަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިވަގުތު އަޅުގަނޑުމެންނަށް ރައްޔިތުންނާ ގާތުގައި ނުތިބެވޭ. އެހެންނަމަވެސް އަޅުގަނޑަށް ރައްޔިތުންގެ ޝަކުވާ އަޑުއިވޭ ވަރު މަދެެއް ނޫން. އަދި އެ ޝަކުވާ އަބަދުވެސް އަޅުގަނޑުމެން އަޑުއަހަމުން ގެންދަން ޖެހޭނެ. ކޮވިޑުގެ ހާލަތުން އިރާދަކުރެއްވިއްޔާ ސަލާމަތްވެއްޖެއްޔާ ދިމާއެނދުގައިވެސް އޮވެވޭތޯ ބަލާނަން އަޅުގަނޑުމެން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިރޭގެ މަޖިލީހުގައި މެންބަރުން ވަނީ ނިއު ނޯމަލްގައި ކައުންސިލް އިންތިހާބުގެ ކެމްޕޭން ކުރިއަށްގެންދާނެ ސްޓްރެޓެޖީއެއް އެކުލަވާލުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އެގޮތުން އިންތިހާބު ފަސްކުރެވި، މި ހިނގާ މުއްދަތުގައިވެސް ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ މުހިންމު ކަމެއް ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.