އެމްޑީޕީއާއި ސަރުކާރަކީ ރައްޔިތުންގެ ނޯކަރީން ކަމަށާއި ރައްޔިތުންގެ އަޑު އަބަދުވެސް އަހާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 169 ވަނަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދަށް ވަނީ ވަގުތީ ހީނަރުކަމެއް އައިސްފައި ކަމަށެވެ. އަދި އިގުތިސޯދަށް އައި ހީނަރުކަމާއެކު ގިނަ ބައެއްގެ ވަޒީފާ ގެއްލި ރައްޔިތުންގެ އަތްމަތި ދަތިވެފައިވާ ކަމަށާއި އެކަމުގެ ނުރުހުން ރައްޔިތުންގެ ފަރާތުން ލިބޭ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، ފަތުރުވެރިކަން އަލުން ފެށި ރާއްޖޭގެ އިގުތިސޯދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަނެވޭނެ ކަމަށާއި ވަޒީފާތައްވެސް އިތުރުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އަބަދުވެސް އަހާނެ ކަމަށާއި އެމްޑީޕީގެ މެންބަރުންނަކީ ނޯކަރީން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފޯނާ ގުޅޭނެ. ހަމަ ކަށަވަރުންވެސް އަޅުގަނޑުގެ ފޯނާ ގުޅޭނެ. ތިބޭފުޅުންނާ ވާހަކަ ދައްކާނަން. ރުޅިވެރިކަމުގެ މޫނުންވެސް ތިބޭފުޅުން އަޅުގަނޑުމެންނާ ބައްދަލުކުރަން އެދެނީނަމަ އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ތައްޔާރަށް. އަޅުގަނޑުމެންނަކީ ތިބޭފުޅުންގެ، ރާއްޖޭގެ ރައްޔިތުންގެ ނޯކަރީން. އެއީ މިޕާޓީގެ މެންބަރުން. މިޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން. އިންތިހާބުވެފައި ތިބި އެންމެ މެންބަރުންވެސް އަބަދުވެސް ކުރަމުން ގެންދާ މަސައްކަތް." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާ އިރު، ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާ ދުވެލި މަޑުކަމަށް ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ ކަންބޮޑުންތަކަށް މި ސަރުކާރަށް ހައްލެއް ހޯދައިނުދެވޭނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން ދަނީ ތަކުރާރުކޮށް ވިދާޅުވެމުންނެވެ.