އަންހެނުންނަށް ކުރާ ގޯނާގެ ކަންކަމުގައި އެމްޑީޕީއަށް ފާޑުކިޔުމަކީ ލިބޭ އުފަލެއް ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 169 ވަނަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އަންހެނުންނަށް ކުރާ ގޯނާ ހުއްޓުވުމަށް އެމްޑީޕީއަށް ވުރެ ބޮޑަށް އެދޭނެ އެހެން އެއްވެސް ޕާޓީއެއްވެސް އަދި ބައެއްވެސް ރާއްޖޭގައި ނުތިބޭނެ ކަމަށެވެ.
ޖިންސީ ގޯނާގެ މައްސަލަތަކުގައި އެމްޑީޕީއަށް ފާޑުކިޔުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި އެފަދަ މައްސަލަތަކުގައި އެމްޑީޕީއަށް ފާޑުކިޔުމަކީ ލިބޭ އުފަލެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަންހެނުންނަށް ކުރާ ގޯނާ ހުއްޓުވުމަށް އަޅުގަނޑުމެންނަށްވުރެ ބޮޑަށް އެދޭނެ އެއްވެސް ބައެއް މި ދިވެހި ރާއްޖޭގައެއް ނުތިބޭނެ. ހަގީގަތުގައި އެކަމާ ގުޅިގެން އަޅުގަނޑުމެންނަށް ފާޑުކީމާ އެއީ ލިބޭ އުފަލެއް. އެ ފާޑުކިޔުމުގެ ފުރުސަތު މިވަނީ ހުޅުވާލައިފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، 1990ގެ އަހަރުތަކުގައްޔާއި 2000ގެ ކުރީގެ އަހަރުތަކުގައި ޖިންސީ ގޯނާ ލިބުނު ކަމަށް ބުނި ބައެއް މީހުންނަށް ވަނީ ޖަލަށްވެސް ލެވިފައި ކަމަށެވެ. އަދި އޭރު އަންހެނުންނަށް ކުރާ އަނިޔާއާއި ކުޑަކުދިންނަށް ލިބޭ އަނިޔާގެ ވާހަކަދައްކަން ގިނަ ބަޔަކަށް ނުކެރޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ނަމަވެސް މިއަދު ޓުވިޓާގައި އެންމެންނަށްވެސް އެވާހަކަ ދެއްކޭ. ޖިންސީ ގޯނާއާ ދެކޮޅަށް އަޑު އުފުލޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު މިފަހަކަށް އައިސް އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އަދި ފުރައްސާރައިގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެފަދަ ބައެއް މައްސަލަތައް ތަހުގީގުކުރުމުގައި ސަރުކާރާއި އެމްޑީޕީގެ އިސް ލީޑަޝިޕުން ނުފޫޒު ފޯރުފައިވާ ކަމަށް ބައެއް ރައްޔިތުންގެ އިތުރުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތުހުމަތުކުރެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު