ހދ. ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާތީ، އެކަން ސަމާލުކަމަށް ގެނައުމަށް، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ، ރައްިތުންގެ މަޖިލީހުގެ ރައީސަށް މިއަދު ކަނޑޫ ހަދިޔާ ކުރައްވައިފިއެވެ.
މޫސުމަށް އަންނަ ބަދަލާގުޅިގެން ބައެއް ރަށްރަށަށް އުދަ އަރައި ގެއްލުންތަކެއް ލިބެމުންދާ މިދުވަސް ވރު، ގދ. ތިނަދުއަށްވެސް އުދަ އަރައި އެރަށާއި ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ގެއްލުންވަމުންދާތީ، އުދައަރާ މައްސަލަޔަށް އަވަސް ހައްލެއް ގެނެސްދިނުމަށް ސަރުކާރަށް ގޮވާލައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސަނީފު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަޔަށް ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ، ނޭކުރެންދޫގައި އޮތް ކަނޑޫފަލަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ ކަމަށެވެ.
ނަމަވެސް އެ ކަނޑޫފާ ހަލާކުވަމުންދާ ކަމަށާއި، އެގޮތުން މިހާރު އެތަނުން 10،000 ގަސް ހަލާކުވެގެންގޮސްފައިވާ ކަމަށްވެސް ރާއީ ވިދާޅުވިއެވެ. އެހެންކަމުން އެކަން މަޖިލިސް ރައީސްގެ ސަމާލުކަމަށް ގެނައުމަށް އިއްޔެ އެރަށުން ގެނައި ތާޒާ ކަނޑޫ ހަދިޔާއެއްގެ ގޮތުގައި މަޖިލިސް ރައީސަށް އަރުވަން ބޭނުންވާ ކަމަށްވެސް ރާއީ ވިދާޅުވިއެވެ. އަދި އެ ކަނޑުލުން އެ ކަނޑޫފަލަށް އައިސްފައިވާ ބަދަލު ފެނިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއީ ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓަރާ ބައްދަލު ކުރައްވައި އެމަނިކުފާނަށްވެސް އެ ކަނޑޫ މިއަދު ހަދިޔާ ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ކަނޑޫފާ ހަލާކުވަމުންދާ މައްސަލައިގައި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ތަޖުރިބާކާރުންގެ ޓީމެއް އެރަށަށް ދާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަން ބެލުމަށްފަހު ސުރުހީއެއްގެ ގޮތުގައި އެކަން އޮތުމަށް އޭނާވެސް އަދި ރަށުގެ ރައްޔިތުންވެސް މިފަހަރު ބޭނުން ނުވާ ކަމަށެވެ.
އެ މައްސަލައިގައި ރާއީ ވާހަކަ ދައްކަވައި ނިންމެވުމުން، މަޖިލިސް ރައީސް ރާއީއަށް ވިދާޅުވީ ދެ ޕެކެޓް ކަނޑޫ އަމީން އާއްމާ ހަވާލު ކުރެއްވުމަށެވެ. އެހެންކަމުން އެ ދެޕެކެޓް ކަނޑޫ އަމީން އާއްމަށް، އަނެއް ދެ ޕެކެޓް ކަނޑޫ، މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމަށް ރާއީ ދެއްވިއެވެ.
ރާއީ ވިދާޅުވީ އެ ކަނޑޫ ފަލަކީ ކޮންމެ ވޯޓަކާވެސް ގުޅިފައިވާ ތަނެއް ކަމަށެވެ. އެއީ ގައުމުގެ ބޮޑު ތަރިކައެއް ކަމަށާއި އެތަނަށް ގެއްލުމެއް ނުވެ ހިމާޔަތް ކުރެވޭނެ ގޮތަކަށް ކަންތައްތައް ކޮށްދެއްވުމަށް އެ ކޮމިޓީގެ މުގައްރިރުގެ ކިބައިން ވެސް އެދިވަޑައިގަންނަވާ ކަމަށް ރާއީ ވިދާޅުވިއެވެ.
މަޖިލިސް ރައީސް، ނަޝީދު ވިދާޅުވީ، އެކަނޑުލަކީ ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް އެދިވަޑައިގެން މެންބަރު ރާއީ ދެއްވި ހަދިޔާއެއް ނޫން ކަމަށެވެ.
"މިއީ ނަމޫނާގެ ގޮތުގައި ފަލަށް ވެފައި ހުރި ގޮތް ބަޔާންކުރުމަށް އިއްޒަތްތެރި މެންބަރު ދޭ އެކްޒިބިޓްސް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ ނޭކުރެންދޫ ކަނޑޫފަލަކީ، އިންޑިޔާ ކަނޑުގައި އޮތް އެންމެބޮޑު އެއް މެންގްރޯ ފޮރެސްޓް ކަމަށެވެ. ނަމަވެސް އެތަން މިހާރު މަރުވަމުންދާކަމަށް ވެސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް