ކޮރަޕްޝަން ފައިސާގެ ބޮޑެތި މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބެލިފައިނުވާ ކަމަށް ވިދާޅުވެ އެ ކޮމިޝަނުގެ މެންބަރުން ވަކި ކުރަންޖެހިދާނެ ކަމަށް ބެލެވޭގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އެ ކޮމިޓީގެ މެންބަރުންނަށް މިއަދު އިންޒާރު ދެއްވައިފިއެވެ.

މެންބަރު ހަލީމު އޭސީސީ މެންބަރުންނަށް މި އިންޒާރު ދެއްވީ، އެ ކޮމިޝަންގެ މެންބަރުން ހާޒިރުކޮށްގެން މިއަދު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ)ގެ މިއަދުގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުންނަށް އިންޒާރުދެއްވަމުން މެންބަރު ވިދާޅުވީ، ކޮމިޝަން މެންބަަރުން ހަރުދަނާކޮށް ނޫޅުއްވާނަމަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިތުރު ގޮތަކަށް އެބޭފުޅުންނާ މެދު ކަންކަން ނިންމަން ޖެހިދާނެ ކަމަށެވެ.

މި ބައްދަލުވުމުގައި މެންބަރު ހަލީމު ކޮމިޝަން މެންބަރުންނަށް ކުރެއްވި ސުވާލުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި އަމިއްލަ ދަތުރުފުޅެއްގައި ބައެއް މުވައްޒަފުން އަރިހުގައި ގެންދެވުމުގެ ސަބަބުން ޓިކެޓުގެ އަގަށް އިތުރު 444 ރުފިޔާ އެރި މައްސަލަ އޭސީސީން އަަވަހަށް ބަލައި ނިންމުމާ ގުޅިގެންނެވެ.

މެންބަރު ވިދާޅުވީ، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހުރިއިރު، މަޖިލިސް ރައީސް ނަޝީދުގެ މައްސަލަ ނިންމައި އެހާ އަވަހަށް އިއުލާން ކުރެއްވިއިރު އެއީ ކަންބޮޑުވުމެއް ކަމަށެވެ.

ޒަމާނުއްސުރެ ހާމަކަން ބޮޑުކޮށް ވައްކަންތަކެއް ކޮށްފައިވާއިރު މިހާރުގެ ސަރުކާރުން އޭސީސީއަށް އައްޔަންކުރި މެންބަރުން ކޮމިޝަނާ ހަވާލުވެވަޑައިގެން އޭގެ ތެރެއިން އެންމެ ކޭސްއެއް ވެސް އެއްވެސް ވަަރަކަށް ނުފޮނުވުމުން ކޮމިޝަން ފެއިލްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އޭސީސީއަށް ޕީޖީއަށްވެސް އެއްބާރުލުން ނުދެވުނު ކަމަށެވެ.

މެެންބަރު ވިދާޅުވީ، ޕީޖީގެ އިތުރުން މިނިސްޓްރީތަކާ ވާހަކަދައްކާފައިވާނެ ކަމަށާއި އޭސީސީގެ އެއްބާރުލުން އެތަންތަނަށް ނުލިބޭ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީން ބަލާފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެންބަރުގެ ސުވާލުތަކަށް ޖަވާބުދެމުން އޭސީސީން ބުނީ މަޖިލިސް ރައީސްގެ މައްސަލަ އެހާ އަވަހަށް ނިމުނީ އެކަމުގައި ބަލާނެ މާބޮޑުކަމެއް ނެތުމާއި، އޭސީސީން އެދުނު މައުލޫމާތުތައް ވަރަށް އަވަހަށް ވަަރަށް ފުރިހަމައަށް ރައްޔިތުންގެ މަޖިލީހުން ކޮމިޓީއަށް ދީފައިވާތީ ކަމަށެވެ.