ޖުޑިޝަލްސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ތިއްބެވި ސިޔާސީ ބޭފުޅުން ވަގުތުން ވަގުތަށް، އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
ޖާބިރު މިކަމަށް ގޮވައިލެއްވީ، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަނުންނެވެ.
އެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނިކޮށް، ހަސަން ނަޖީބު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ނަމަވެސް އެ މައްސަލަޔަށް ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ޖޭއެސްސީން ފޮނުވި އެ ރިޕޯޓަށް މަޖިލީހުގައި ބަހުސަށް ހުޅުވައިލައްވައިފައެވެ.
މި ރިޕޯޓްގެ ބަހުސްގައި ޖާބިރު ވިދާޅުވީ، ޖޭއެސްސީގެ ކޮމްޕޮޒިޝަން އޮތީ ރަނގަޅަށް ނޫންކަން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
އެހެންކަމުން ކުރު މަގަކުން އެކަން އިސްލާހު ކުރެއްވުމަށް، އެ ކޮމިޝަނުގައި ތިއްބެވި ސިޔާސީ ބޭފުޅުން ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވައި، މިރޭ ފަތިހު 4:00 ގެ ކުރިން ޖޭއެސްސީގެ ކޮމްޕޮޒިޝްން މިހާރު އޮތް ގޮތް ބަދަލުކުރަން ގާނޫނު އަސާސީ ބަދަލު ކުރަން ޖެހޭ ކަމަަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، މިއަދު ޖޭއެސްސީގައި ތިއްބެވީ، އަމާނާތްތެރި ބޭފުޅުން ނަމަވެސް މާދަމާ ދައްލާލުންތަކެއް އައިސް އެންމެން ހޭއަރުވާލައިފާނެ ކަމަށެވެ. އަދި މި ސަރުކާރު ގެނައުމަށް ހޭދަކޮށް ކަންތައްތައް ކުރީ، ޖޭއެސްސީ މިނިވަން ކުރަން ނަމަވެސް އެކަން ނުވާކަމަށް ޖާބިރު ވިދާޅުވިއެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު