އައިސީޓީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމުގެ މަގުސަދުގައި ސެޕް ސްޓްރެޓެޖީ 5.2 ގެ ދަށުން އަންހެނުން ކުރިއެރުވުމަށް އެކުލަވާލާ ގައުމީ ވޯކިން ގްރޫޕްގެ އުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް ކޮމިއުނިކޭޝަން، ސައިންސް، އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ހުޅުވާލައިފި އެވެ.
މިނިސްޓްރީން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ މި ވޯކިންގް ގްރޫޕުގެ އުސޫލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އާދިއްތަ ދުވަސް ކަމަށެވެ. އެގޮތުން މި އުސޫލަށް ހިޔާލު ހޯދުމަށް ބޭނުންވާ މީހުނަށް [email protected] އަށް ހިޔާލު ހުށަހެޅޭނެ ކަމަށް ޓެކްނިލޮޖީ މިނިސްޓްރީން ބުނެއެވެ.
ސައިންސާއި ޓެކްނޮލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ގައުމީ ވޯކިން ގްރޫޕަކީ ސައިންސާއި ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރާ އަންހެނުން އިތުރުކުރުމަށާއި، ދާއިރާއާއި ގުޅޭ ސިޔާސަތުތައް ބައްޓަން ކުރުމުގައި އަންހެނުންގެ ހިއްސާއާއި ބައިވެރިވުން އިތުރުކުރުމަށާއި، ދާއިރާއާ ގުޅޭ ކަންތައްތަކުގައި މިނިސްޓަރަށް ލަފާއެރުވުމަށް އެކުލަވައިލެވޭ ވޯކިން ގްރޫޕެއް ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެއެވެ.
މި ވޯކިންގް ގްރޫޕު އުފެއްދުމުގެ ބޭނުމަކީ ސައިންސާއި ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ކޮމިއުނިކޭޝަން މިނިސްޓަރަށް ލަފާ ދިނުމުގެ އިތުރުން މިދާއިރާގައި އަންހެނުންގެ ހިއްސާ އިތުރުކުރޭވޭނެ ގޮތްތައް ދިރާސާކޮށް މިފަދަ މަސައްކަތްތަކުގައި މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން އަންހެނުން މި ދާއިރާގައި ހަރަކާތްތެރިވުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ ގައުމީ ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި، ހައްލު ހޯދުމުގެ ގޮތުން މަސައްކަތް ކުރެވޭނޭ ގޮތްތައް ފާހަގަކޮށް، އެފަދަ ކަންކަން ރަނގަޅު ކުރެވޭނޭ ގޮތްތަކާ ގުޅިގެން މިނިސްޓަރަށް ލަފާ ދިނުމަކީ މި ވޯކިން ގްރޫޕުގެ ޒިންމާގެ ތެރޭ ހިމެނޭނެ ކަމެއްކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސައިންސާއި ޓެކްނޮލޮޖީ ދާއިރާގައި އަންހެނުން އިތުރުކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރަށް ލަފަޔާއި މަޝްވަރާދީ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މި ވޯކްން ގްރޫޕުގެ ޒިންމާގެ ތެރޭ ހިމެނޭ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު