ކުއްލި ޚަބަރު

މާލޭގައި 21000 އާއިލާއެއް އުޅެނީ ދިރިއުޅެން އެކަށީގެން ނުވާވަރުގެ ކުދި ތަންތަނުގައި: މިނިސްޓަރު އަސްލަމް

1

މާލޭގައި 21000 އާއިލާއެއް އުޅެނީ ދިރިއުޅެން އެކަށީގެން ނުވާވަރުގެ ކުދި ތަންތަނުގައި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ދިރިއުޅެން އެކަށީގެން ނުވާވަރުގެ ކުދި ތަންތަނުގެ ގޮތުގައި ބަލާފައިވަނީ 600 އަކަފޫޓަށްވުރެ ކުޑަ ތަންކޮޅެއްގައި އާއިލާއެއް ދިރިއުޅެން ޖެހިއްޖެކަމަށް ވާނަމަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ފްލޯ ސްޕޭސް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓުތަކަކީ 675 ސްކޮޔާ ފީޓުގެ ފްލެޓުތަކެއް ކަމަށެވެ. އަދި މިއީ މިނިސްޓްރީން ބަލާ މިންގަނޑަށްވުރެ ކުޑަ ސައިޒެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. ޓާގެޓަކީ އެ 21000 އާއިލާއަށް ހައުސިންގް ފޯރުކޮށް ދިނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މާލެއަށް މީހުން ބަދަލުވުމުގެ ކަންކަންވެސް ހިނގާނެ ކަމަށާއި، މިކަމުގެ ސަބަބުން މިހާރަށްވުރެ އިތުރުވުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމާ ގުޅިގެން ހިސާބުތަކެއް ހަދާފައި ހުރިނަމަވެސް، ކަމުގެ ޓެކްނިލަކް މީހުންނާ މަޝްވަރާ ކުރުމަށްފަހު ނޫނީ މި ކަންކަމުގައި ގޮތް ނުނިންމޭނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މާލޭގެ އާބާދީގައި ކެރިފޯރުންތެރިކަންވެސް ބެހިފައިވަނީ އެކި މިންވަރަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މާލޭގެ އާބާދީގެ %15 އާއިލާއަކީ ފަގީރު އާއިލާތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.