ކުއްލި ޚަބަރު

ވެށިފަހި މާލޭ ޕްރޮގްރާމްގެ ލިޔެކިޔުންތައް ހައުސިން މިނިސްޓްރީން ބަލަހައްޓައިފައެއް ނެތް: މިނިސްޓަރު އަސްލަމް

ފެށިފަހި މާލޭ ޕްރޮގްރާމްގެ ލިޔެކިޔުންތައް ހައުސިން މިނިސްޓްރީން ބަލަހައްޓާފައި ނުވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ވެށި ފަހި މާލެ ޕްރޮގްރާމަކީ ކުރީގެ ރައީސް، މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި އަދި ބައެއް މީހުންނަށް ގާ ކޮށިންނާއި ހުޅުމާލޭން ފްލެޓް ވަނީ ދީފައެވެ. ނަމަވެސް ލިޔުން ދިނުމަށްފަހުވެސް ސަރުކާރުން ގޮތެއް ހޯދައި ނުދެވޭ ބަޔަކު އެބަތިއްބެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން 507 ފަރާތަކުން އެމީހުންނަށް ލިބިފައި ވާ ބިންކޮޅު ދޫކޮށްލި ކަމަށެވެ.

އޭގެ ތެރެއިން 245 ފަރާތަކަށް ހުޅުމާލެއިން ބިން ދީފައިވާއިރު 101 ފަރާތަކަށް ކުރިން އަރަބިއްޔާ ސްކޫލް ހުރި ތަނާއި ގާކޮށީގައި ހެދި ފްލެޓުން ޖާގަ ދީފައިވާ ކަމަށާއި އަދި ހުޅުމާލެއިން 98 ފަރާތަކަށް ފެލްޓް ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަދިވެސް 63 ފަރާތަކަށް ގޮތެއް ހޯދައި ދެވިފައި ނުވާއިރު އެކަމާ ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ސަރުކާރުގެ ތެރޭގައި ފެންނަން ނެތް ކަމަށެވެ.

"ވޭތުވެދިޔަ އަހަރުތަކާއެކީގައި ސަރުކާރުގެ ތެރޭގައި ވެށިފަހި މާލޭގެ މި ހިންގި ޕްރޮގްރާމްގެ ލިޔެކިޔުންތައް ފުރިހަމަޔަށް ބެލެހެއްޓިފަ ނެތްކަން ފާހަގަކުރެވޭ. އެއީ ދެ މިނިސްޓްރީ އެއްކޮށްލުމުގެ ކުރީގައި މިއަހަރުގެ ޖަނަވަރީ މަހު ކުރެވުނު އިއުލާނަކާ ގުޅިގެން ބައެއް ފަރާތްތަކުން ކޮށްފައިވާ ޝަކުވާތަކާއެކު ހުށަހަޅާފައިވަ ލިޔެކިޔުންތަކަށް ބަލާއިރު އެބަ ސާފުވޭ އެ ހުށަހަޅާފައިވާ ބައެއް ލިޔެކިޔުންތައް ސަރުކާރުގެ ތެރޭގައި ފެންނަން ނެތްކަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ލިޔެކިޔުންތައް ނެތުމުން ވެށިފަހި މާލެ ޕްރޮގްރާމްގެ ތެރެއިން ދައުލަތުން ދީފައި އޮތް ސައްހަ ލިޔުމެއް ހުށަހަޅާ ފަރާތްތަކުން، އެ ހުށަހަޅާ ލިޔެކިޔުމެއްގެ ސައްހަކަން ބެލުމަށްފަހު އޭގައި ބަޔާންކޮށްފައިވާ ގޮތަށް އެކަން ކުރަން ނިންމާފައިވާ ކަމަށެވެ.