ހިޔާ ފްލެޓުގެ އެގްރީމެންޓުގައި ބާކީ ހުރި މަސައްކަތް ނިންމަން އަށް މަސް ދުވަސް ކޮންޓްރެކްޓަރު ބޭނުންވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ހަދަން ހަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރުގެ އެންމެ ބާރު ގަދަ އެއް ކުންފުނި ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އަށެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ ޖުމްލަ 434 މިލިއަން ޑޮލަރު (6.6 ބިލިއަން ދިވެހި ރުފިޔާ)ގެ ލޯނެއްގެ ދަށުންނެވެ.

އެ މަޝްރޫއުގެ މައުލޫމާތު ދެއްވުމަށް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ މަސައްކަތް ނިންމަން ހަވާލުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށްވީ ނަމަވެސް ފްލެޓްތަކުގެ ތަޅުން އެޅުމާއި ކަރަންޓާއި ފެން މީޓަރު ހަރުކުރުމުގެ މަސައްކަތް އަދި ކުރަން ޖެހޭ ކަމަށެވެ.

"ނުނިމި ހުރި މަސައްކަތުގެ މައިގަނޑު މަސައްކަތަކީ ފްލެޓްތަކުގެ ތަޅުން އެޅުން އަދި ކަރަންޓް މީޓަރު ހަރުކުރުން، ފެން މީޓަރު ހަރުކުރުން. އެއީ ކޮންޓްރެކްޓާ ކުރެވިފައިވާ ކޮންޓްރެކްޓުގެ ދަށުން ކުރަން ހުރި މަސައްކަތް. އެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓާ ދޭ މުއްދަތަކީ، ކޮންޓްރެކްޓަރުގެ ކްލައިންޓަކީ އެޗްޑިސީ، އެޗްޑީސީއަށް ކޮންޓްރެކްޓަރު ދޭ މުއްދަތަކީ އަދި އަށް މަސް ދުވަސް. މި ދެންނެވި މަސައްކަތްތައް ނިންމުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް އިތުރަށް ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދާއިމީ ކަރަންޓާއި ފެން ގެންދިއުމުގެ މަސައްކަތް ވެސް އަދި ނުނިމޭ ކަމަށެވެ. އެގޮތުން އެމްޑަބްލިޔުއެސްސީގެ ފަރާތުން އެތަނަށް ފެން ގެންދިއުމުގެ މަސައްކަތަށް އަށް މަސް ދުވަސް އަދި ސްޓެލްކޯ އިން ކަރަންޓް ގެންދިއުމުގެ މަސައްކަތަށް ހަތް މަސް ދުވަސް ބޭނުންވާއިރު ހިޔާ ފްލެޓަށް މީހަކަށް ވަދެވޭނީ އަދި އަށް މަސް ދުވަސް ފަހުން ކަމަށް ވިދާޅުވިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނާ ގޮތުގައި، ފްލެޓްތަކުގެ 90 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. ނަމަވެސް އެއްބަސްވުމުގައި ފިނިޝިން މަސައްކަތް ހިމަނާފައި ނުވާތީ، އެއްވެސް ތަނެއްގައި ބޮތްކެއް، ކޭބަލް ޓީވީއެއް، ތަޅުމުގައި މުއްޓެއް، ކޮޓަރިތަކާއި ފާހާނާތަކުގައި ދޮރެއް ހަރުކޮށްފައެއް ނެތެވެ. އަދި އެޕާޓްމަންޓްތަކުގައި ލާފައި ހުރީ ހަމައެކަނި ޕްރައިމާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.