ސްޕެނިޝް ލަލީގާގައި ރޭ ވިޔަރެއާލް އަތުން ފަސޭހަކަމާ އެކު މޮޅުވެ ބާސެލޯނާއިން ރެއާލް މެޑްރިޑާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.
ރޭ ކުޅުނު އެ މެޗް ބާސާ އިން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާ އަކުންނެވެ. ބާސާއިން މޮޅު ކުޅުމެއް ދެއްކި މި މެޗްގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ މެޗް ފެށިގެން ފުރަތަމަ ތިން މިނެޓްގެ ތެރޭގައެވެ. މިގޯލަކީ ވިޔަރެއާލްގެ ޕައުޓޮރޭސް ބައިކޮޅަށް ޖެހި ގޯލެކެވެ. މެޗްގެ ދެވަނަ ގޯލަކީ މެޗްގެ 14 ވަނަ މިނެޓުގައި ބާސާގެ ޖެރާޑް މައުރީނިއޯ ގޯލާ ދިމާއަށް ފޮނޮވާލި ބޯޅައެއް ކީޕަރު އަތުގައި ޖެހުނު ނަމަވެސް މަތަނުވެ ގޮސް ގޯލްތެރެއަށް ވަން ބޯޅައެކެވެ.
މެޗްގެ 20 ވަނަ މިނެޓުގައި ބާސާގެ ލުއިސް ސުއަރޭޒް ވަނީ ބާސާ ގެ ލީޑް ފުޅާ ކޮށްދީފައެވެ. އޭނާ މިލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ދިން ޕާސް ހިފައިގެން ގޮސް ބޮކްސްގެ ބޭރުން ވިއަރެއާލްގެ ކީޕަރު ކަޓުވާލުމަށްފަހު ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. ބާސާއިން ޖެހި ހަތަރުވަނަ ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އެންތޮނީ ގްރީޒްމަން އެވެ، މިލަނޑު ޖެހުމުގައި ވެސް އެހީތެރިވެދިނީ ތިން ވަނަ ލަނޑު ކާމިޔާބު ކުރުމުގައި އެހީތެރިވެދިން ބާސާގެ ތަރި ލިއޮނަލް މެސީއެވެ. މި ލަނޑު ޖެހީ ފުރަތަމަ ހާފްގެ ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައެވެ. އެ ލަނޑަށްފަހު ފުރަތަމަ ހާފް ނިމުނު އިރު 4-0 ގެ ނަތީޖާ އަކުން ބާސާ އޮތީ ކުރީގައެވެ.
ރޭގެ މެޗްގެ ދެވަނަ ހާފުގައި ބާސާގެ ތަރި މެސީ ވަނީ މެޗްގެ 69 ވަނަ މިނެޓުގައި ގޯލެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީވަނީ އެއީ އޮފްސައިޑް ގޯލެއްކަމަށް ނިންމައިފައެވެ. ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ވިޔަރެއާލުން ވަނީ އެމީހުންގެ ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފައްދައި މެޗްގެ 86 މިނެޓުގައި ބާސާ ކޮޅަށް ގޯލެއް ޖަހައި އެޓީމުގެ ސުން ކަނޑުވާލައިފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ޖޯޑި އަލްބާގެ އެހީތެރިކަމާއި އެކު އެޓީމުގެ އަންސޫ ފަޓީ އެވެ. މި ލަނޑަށްފަހު ވެސް ގޯލް ޖަހާނެ ފުރުސަތުތަކެއް ދެޓީމަށް ލިބުނު ނަމަވެސް މެޗް ނިމިގެން ދިޔައީ 4-1 ގެ ނަތީޖާއަކުން ބާސާ ކުރިހޯދައިގެންނެވެ.
މި ނަތީޖާއާ އެކު ރެއާލް މެޑްރިޑާއި ބާސާ އާ ދެމެދު އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފައެވެ. ރެއާލް މެޑްރިޑް 34 މެޗުން 77 ޕޮއިންޓާއި އެކު އެއްވަނައިގައި އޮތްއިރު ހަމަ އެއަދަދަށް މެޗް ކުޅެގެން ބާސާ ދެވަނައިގައި އޮތީ 73 ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތް އިތު ހަތަރުވަނަ ލިބެނީ ސެވިއްޔާ އަށެވެ. މި ނަތީޖާއާ އެކު ބާކީ އޮތް މެޗްތަކުގެ ތެރެއިން ތިން މެޗުން ރެއާލް މޮޅުވި ނަމަވެސް އެޓީމަށް ލީގު ލިބޭނެ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު